ކުޅިވަރު

ރެފްރީންގެ އިންސާފްވެރި ކަމާމެދު ސުވާލެއް ނުއުފެއްދޭނެ: ކޮލީނާ


  • ރެފްރީންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ފީފާގެ ރައީސްއަށްވެސް ނޯންނާނެ

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރެފްރީންގެ އިންސާފްވެރިކަމާމެދު ސުވާލެއް ނުއުފެއްދޭނެ ކަމަށް ފީފާގެ ރެފްރީންގެ ހެޑް ޕިއަލުއިޖީ ކޮލީނާ ބުނެފިއެވެ.

ރެފްރީންގެ ދިފާއުގައި ހަރުއަޑުން ކޮލީނާ ބަސް ބުނެފައި މިވަނީ މުބާރާތުގެ ގަދަ 16 ބުރުގައި މިޞްރު އަތުން އާޖެންޓީނާ މޮޅުވި މެޗަށްފަހު، އެމެޗުގެ ރެފްރީއަށް ފާޑުކިއުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އަދި ރެފްރީގެ އިންސާފްވެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަމުން ދަނިކޮށެވެ. އަދި އެމެޗުގެ ރެފްރީން ވަރލްޑްކަޕުން ބޭރުކުރަން މިޞްރު ފުޓްބޯޅަ ފެޑެރޭޝަނުން ގޮވާލާ، ފީފާގައިވެސް އެދިފައި ވަނިކޮށެވެ. އެމެޗުގެ ރެފްރީން އެމެޗަށް އިންސާފްކުރިގޮތް ތަހުގީގުކުރަން ވެސް މިޞްރު ފެޑެރޭޝަނުން ވަނީ އެދިފައެވެ. އެއީ ދެވަނަ ހާފްގައި ދެ ފައުލެއް މިސްރާ ދެކޮޅަށް ނިންމިކަމުގެ ތުހުމަތާއެކުއެވެ. ކުރީގެ އެއްވަނަ ރެފްރީ ކޮލީނާ ބުނީ ބިނާކުރަނިވި މަޝްވަރާތައް އޮންނާނެ ކަމަށާއި، އެކަމަކު ރެފްރީންގެ އިންސާފްވެރިކަމާމެދު ސުވާލު ނުއުފެއްދޭނެ ކަމަށެވެ.

"
ނިންމުންތަކާމެދު ބިނާކުރަނިވި މަޝްވަރާތައް ކުރުމަކީ ފުޓްބޯޅައިގެ ބައެއް، އެކަން އޮންނާނެ. އެކަމަކު އަސްލެއް ނެތް ތުހުމަތުތަކަށް މިކުޅިވަރުގައި ޖާގައެއް ނޯންނާނެ. ފީފާ ވަރލްޑްކަޕްގެ ރެފްރީންގެ އިންސާފްވެރިކަމާމެދު އެކަކަށްވެސް ސުވާލެއް ނުއުފެއްދޭނެ.
ކޮލީނާ- ފީފާގެ ރެފްރީ ހެޑ

ކޮލީނާ ބުނީ އެފަދަ އަސްލެއް ނެތ ތުހުމަތު ތަކާއި، އިނގިލި ދިއްކުރުންތަކުގެ ސަބަބުން ރެފްރީންނާއި، ރެފްރީންގެ އާއިލާއަށް އިންޒާރުތައް އައިސް ބިރުވެރިކަން ކުރިމަތިވާ ކަމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަމަށ ކޮލީނާ ބުނެފައިވެއެވެ. އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު މިޞްރު ކޯޗު ބުނީ އެމީހުންނާ މެދު ރެފްރީ ނިންމުންތައް ނިންމީ ބޭއިންސާފުން ކަމަށެވެ. ދުނިޔޭގެ ޗެމްޕިއަން މުބާރާތުގައި ބާއްވަން އަދި މެސީ އަށް ކުރިއަށް ދިއުމުގެ ފުރުޞަތު ދޭން އެމީހުން ބޭނުންވާ ކަމަށާއި، އެމަގަށް ކަންކަން ކުރާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

އެކަމަކު ކޮލީނާ ބުނީ ރެފްރީންގެ އިންސާފްވެރިކަމާ މެދު ސުވާލު އުފައްދަން އަދި ނުފޫޒު ފޯރުވަން އެއްވެސް މީހަކަށް ޖާގައެއް ނޯންނާނެކަމަށެވެ. އެފުރުޞަތު ފީފާގެ ރައީސް އަށްވެސް ނޯންނާނެކަމަށް ކޮލީނާ ބުނެފައިވެއެވެ. މިނިވަންކަމާއެކު މަސައްކަތް ކުރަން ފީފާ ރައީސްގެ ފުރިހަމަ ސަޕޯޓާއި އުތުބާރު ދޭކަމަށްވެސް ކޮލީނާ ބުނެފައިވެއެވެ.

ކޮލީނާ ވަނީ ރެފްރީގެ ނިންމުންތައް ދިފާއުކޮށް، އެނިންމުންތައް ރަނގަޅު ކަމަށްވެސް ބުނެފައެވެ.