އެމެރިކާގެ ނިރުބަވެރިކަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކުރުމަށް ނިންމާފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު އޭނާއާ ޙަވާލުކުރި ސިޓީއެއްގައި ޓްރަމްޕް ވިދާޅުވީ، ސޫރިޔާ އަލުން އާރާސްތުކުރުމަށް ހުރި ހުރަސްތައް ނައްތައިލައްވާނެ ކަމުގައެވެ. އަދި، ސޫރިޔާގައި ވުނަކުރުމުގެ ފުރުޞަތު ހުޅުވައިލައި، އެ ޤައުމަކީ ފާގަތި ތަނަކަށް ހެދުމަށް އެމެރިކާގެ ކުންފުނިތަކުން ތައްޔާރަށް ތިބި ކަން ޓްރަމްޕްގެ ސިޓީގައި ބަޔާން ކުރައްވާފައިވެއެވެ. ޓްރަމްޕްގެ ނިންމުން އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް އަންގާފައިވާއިރު، 45 ދުވަހުގެ މުރާޖާއަކަށް ފަހު މި ނިންމުން ތަންފީޒުކުރަން ފަށާނެ ކަމުގައި ބެލެވެއެވެ.
ސޫރިޔާއަކީ ނިރުބަވެރިކަމަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، އެމެރިކާގެ އެހީތަކާއި ދިފާޢީ ސާމާނާއި ހަތިޔާރު ވިއްކުމަށް އޮތީ ހުރަސް އެޅިފައެވެ. ސޫރިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޞަފްވަތު ރަސްލާން ވިދާޅުވީ، ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ސޫރިޔާގައި ވުނަކުރުން އިތުރުވެ، އިޤުތިޞާދީ ގޮތުން ޤައުމު ކޮޅަށްޖެހުމަށާއި، ބައިނަލްއަޤުވާމީ އިޤުތިޞާދީ ނިޒާމުގެ ތެރެއަށް އަލުން ވަނުމަށް މަގުފަހިވެގެންދާނެ ކަމުގައެވެ.
ހުސްވި އަހަރު ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވައިލައްވާފައެވެ. އެ ނިންމުމާއެކު، ސޫރިޔާގައި އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ވުނަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދަނީ ރާވަމުންނެވެ. އަދި، ގަލްފުގެ ޤައުމުތަކުން ވެސް ވަނީ ސޫރިޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަން އިޢުލާނު ކޮށްފައެވެ.
އަންކަރާގައި ޝަރާޢާއެކު ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އޭނާއަށް ތަޢުރީފު ކުރައްވާފައެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލީ ޝަރާޢުގެ ހަނގުރާމަވެރި ޖަމާޢަތުންނެވެ. ނިރުބަވެރި ޖަމާޢަތް، އައިއެސްއާ ދެކޮޅަށް ޝަރާޢުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދެއްވައި ޓްރަމްޕް ވިދާޅުވީ، ޝަރާޢަކީ މިހާރު އޭނާގެ އިޙުތިރާމު ކުރައްވާ މީހެއް ކަމުގައެވެ.