ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި، މާލޭ ޔޫތު ހަބުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފަރާތުން މިތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްދެއްވީ ސަފީރު ކޮންގް ޝިންހުއާއެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ވަޒީރު ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވާ ބައެއް ތަކެތީގެ ތެރޭގައި، ފުޓުބޯޅަ، ބާސްކެޓްބޯޅަ، ބެޑްމިންޓަން ރެކެޓުގެ އިތުރުން، މި ނޫންވެސް ދިވެހި ޒުވާނުންގެ މެދުގައި، ކުޅިވަރަށް ލޯބިކުރާ ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ބައެއް ސާމާނު ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ސަފީރު ކޮންގް ޝިންހުއާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ސަފީރު ކަމާ ހަވާލުވެވަޑައިގެންނެވިފަހުން މިއީ ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާކުރި ދެވަނަ ފަހަރުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ފަރާތުން ފާއިތުވީ އަހަރެއްހައި ދުވަހުގެ ތެރޭގައި މިފަދަ އެހީތެރިކަމެއް ވެދިން މިއީ ތިންވަނަ ފަހަރުކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ރަމްޒެއްކަމަށާއި މި ތަކެތީގެ ބޭނުން، ސްކޫލްތަކުގެ ފިޒިކަލް އެޑިއުކޭޝަން ކުލާސްތަކުގައި އާއި ޑެއިލީ ޓްރެއިނިން ސެޝަންތަކުގެ އިތުރުން، ކުޅިވަރު ކުޅޭ އާންމު ތަންތަނުގައިވެސް ކުރާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.
"މިއަދު ހަދިޔާކުރެވުނު ކުޅިވަރު ސާމާނުތަކަކީ، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ ޙާއްސަ ރަމްޒެއް. މި ގުޅުން އުފެދުމުގައި ކުޅިވަރު، އަދި ވަރުގަދަކޮށް ދެމެހެއްޓުމުގައި ދެ ގައުމުންވެސް ގެންގުޅޭ އިހުލާސްތެރިކަން މުހިންމު ދައުރެއް އަދާކުރި. ކުޅިވަރަކީ ހަމައެކަނި ޒުވާނުން ކުރިއަރުވާ ވަސީލަތެއް ނޫން. މިއީ ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކޮށްދޭ ފާލަމެއް." ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ޗައިނާގެ ސަރުކާރާއި ރައްޔިތުން، ޙާއްސަ ގޮތެއްގައި ޔުނާން ޕްރޮވިންސްގެ އިސްވެރިންނާއި އާންމު ރައްޔިތުން ދިވެހިންނާ މެދު ބާއްވަވާ ގާތްކަމާއި އެކުވެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ކުޅިވަރަކީ ދިވެހިންނަށް ހަމައެކަނި މުނިފޫހިފުލުވުމުގެ ވަސީލަތެއް ނޫން ކަމަށާއި، މިއީ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތެއް ބިނާކުރުމުގައި އާއި، ދޭދޭ ގުޅުން ބަދަހިކޮށް ވަރުގަދަކޮށްދޭ ވަސީލަތެއްކަމަށްވީ ހިނދު، ޗައިނާއިން ހަދިޔާކުރި މި ސާމާނަކީ މި ރޮނގުން ކުރެވޭ މަސައްކަތުގައި ދިވެހި މުޖުތަމައުއަށް އޭގެ ވަރަށް ހެޔޮ އަސަރު ކުރާނެ އެއްޗަކަށް ވާނެކަން ވަޒީރު އިރުތިޝާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ، މިއީ ދިވެހިންނަށް، ޙާއްސަ ގޮތެއްގައި ދިވެހި ޒުވާނުންނަށް ނުހަނު ބޭނުންތެރި، މުހިންމު ހަދިޔާއެއްކަން އަދި، އަބަދުވެސް ޗައިނާގެ ފަރާތުން ދިވެހިންނަށް މިފަދަ ކޮންމެ ކަމެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދޭކަން ފާހަގަކުރައްވައި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާއި ދެމެދު މިއަހަރުގެ ފެބުރުއަރީމަހު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.
މި ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ.
މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި، އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.