ޚަބަރު

ޚާމަނާއީގެ ހަށިކޮޅު ޢިރާޤުގެ ނަޖަފަށް ގެންގޮސްފި


އީރާނުގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު ޢަލީ ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އޭނާގެ ހަށިކޮޅު ޢިރާޤުގެ ނަޖަފަށް ގެންގޮސްފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ދިން ޢުދުވާނީ ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާ ޚާމަނާއީގެ ޖަނާޒާ އީރާނުގައި ފަށާފައި ވަނީ ޖޫން 3 ގައެވެ. އީރާނުގެ ބޭއްވި ޖަނާޒާގެ ރަސްމިއްޔާތުތަކަށް ފަހު، ޚާމަނާއީގެ ހަށިކޮޅު ނަޖަފަށް ގެންގޮސްފައި ވަނީ ޖޫން 7 ވަނަ ދުވަހުއެވެ. ނަޖަފަކީ ޝިޔަޢީ މަޛުހަބުގެ މުސްލިމުންނަށް މުހިންމު ސަހަރެކެވެ.

ނަޖަފުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޚާމަނާއީގެ ހަށިކޮޅާ ރަސްމީކޮށް ޙަވާލުވެ ވަޑައިގެންނެވީ ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒަޔިދީއެވެ. އެ ރަސްމިއްޔާތުގައި ޢިރާޤުގެ ސިޔާސީ އިސްވާރުންނާއި ޝިޔަޢީ މަޛުހަބުގެ ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން ނަޖަފުގައި އޭނާގެ މޫނުދުށުމުގެ ފުރުޞަތު ޢާންމުންނަށް ދިނުމަށް ޖޫން 8 ވަނަ ދުވަހު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޚާމަނާއީ ޖަނާޒާގެ އިންތިޒާމުތައް ބޮޑުކޮށް ބޭއްވުމުގެ މަޤުޞަދަކީ، ހަތަރު ދަހަރެއްހާ ދުވަހުގެ މުއްދަތަކަށް އީރާނުގެ ވެރިކަން ކުރެއްވި މުރުޝިދުގެ މަޤާމުގައި އޭނާ ހާސިލުކުރައްވާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އީރާނުގެ ދައުލަތުގެ ދެމިއޮތުމާއި ސާބިތުކަން ދުނިޔެއަށް ހާމަކޮށްދިނުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނަޖަފަށް ޚާމަނާއީގެ ހަށިކޮޅު ގެންދިޔުމުގެ ކުރިން، އީރާންގެ ވެރިރަށް ތެހްރާނާއި ޤޫމްގައި ވެސް ޚާއްޞަ ރަސްމިއްޔާތުތައް ބާއްވާފައިވެއެވެ. ނަޖަފުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަނާޒާގެ ރަސްމިއްޔާތުތަކާ ދިމާކޮށް، އެ ރަށުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އޭނާގެ މޫނުދުށުމަށް ޢިރާޤުގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ނަޖަފަށް ދަތުރުކޮށްފައެވެ. ނަޖަފަށް ފަހު، ޚާމަނާއީގެ ހަށިކޮޅު ޢިރާޤުގެ ކަރްބަލާއަށް ވެސް ގެންދެވޭނެއެވެ. އަދި، އެ ރަށުގައި ވެސް ޖަނާޒާގެ ރަސްމިއްޔާތުތައް ބޭއްވޭނެއެވެ. ޚަމަނާއީ ފަސްދާނުވެޑުވުމަށް ހަމަޖެހިފައި ވަނީ އީރާނުގެ މަޝްހަދުގައެވެ.