ޚަބަރު

ވޯލްޑް ކަޕެއްގައި 2 ޕެނަލްޓީ ނާކާމިޔާބުވި ފުރަތަމަ ކުޅުންތެރިއަކަށް މެސީ


  • ނާކާމިޔާބުވީ މިޞްރާއި އޮސްޓްރިއާ ކޮޅަށް ޖެހި ޕެނަލްޓީ

  • މިފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ލިބުނީވެސް ދެ ޕެނަލްޓީ

ފުޓުބޯޅައިގެ އެތައް ރެކޯޑެއް ގާއިމްކޮށްފައިވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، އިތުރު ރެކޯޑެއް ގާއިމްކޮށްފިއެވެ.

އާންމު ގޮތެއްގައި ކާމިޔާބީގެ ރެކޯޑުތައް ގާއިމްކުރާ މެސީއަށް މިފަހަރު ގާއިމްކުރެވުނީ ނާކާމިޔާބީގެ ރެކޯޑެކެވެ.

އެގޮތުން މެސީ ގާއިމްކުރީ، އެއް ވޯލްޑް ކަޕެއްގައި، ޕެނަލްޓީ ޝޫޓްއައުޓް ނުހިމަނައި، މެޗު ތެރެއިން ލިބުނު ދެ ޕެނަލްޓީއެއް ނާކާމިޔާބުވީ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މެސީ މި ރެކޯޑު ގާއިމްކުރީ މުބާރާތުގެ ރައުންޑް އޮފް 16ގައި މިޞްރާ ދެކޮޅަށް ކުޅެ އާޖެންޓީނާ މޮޅުވި މެޗުގައެވެ.

މިޞްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް މިޞްރުންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާސިރު އިބްރާޙީމެވެ.

މިޞްރުން ލަނޑުޖެހިތާ ހަ މިނެޓުފަހުން، އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދޭން މެސީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އާޖެންޓީނާގެ ނިކޮލަސް ޓެގްލިއަފިކޯއަށް، މިޞްރުގެ ޙައިސެމް ޙަސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި މެސީއަށް އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ޕެނަލްޓީ، މިޞްރުގެ ކީޕަރު މުސްޠަފާ ޝުބައިރު ވަނީ ދިފާއުކޮށްފައެވެ.

މިޞްރުން ވަނީ ދެވަނަ ހާފުގައި، މެޗުގެ 67 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.

އެހެންނަމަވެސް، މެޗުގެ ފުރިހަމަ ވަގުތުގެ ފަހު 11 މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ދެލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 79ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު، 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ.

އާޖެންޓީނާ މި މެޗުން މޮޅުކޮށްދީ، ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިނީ މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެއް މެޗެއްގައި ދެ ލަނޑު ނާކާމިޔާބުވި ފުރަތަމަ ކުޅުންތެރިއަކަށް މެސީ ވިއިރު މެސީއަކީ ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިޔާވެސް މެއެވެ. ވޯލްޑް ކަޕުގައި ޖުމްލަ 8 ޕެނަލްޓީއެއް މެސީ ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.