ސިވިލް ކޯޓަށް ގާޟީން ހޯދަން ހުޅުވާލި ފުރުޞަތުގައި 42 މީހަކު ކުރިމަތިލާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ސިވިލް ކޯޓަށް 3 ގާޟީން ހޯދަން ޖޭއެސްސީން އިއުލާންކުރީ މިދިޔަމަހުގެ 21ވަނަ ދުވަހުއެވެ.
މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ސިވިލްކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 37,700.00 ރުފިޔާ އަދި އެލަވަންސްތަކުގެ ގޮތުގައި 22،300 ރުފިޔާ އަދި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބިދެއެވެ.
ޤާޟީކަމަށް ކުރިމަތިލާ ބޭފުޅުން، އަސާސީ ޝަރުތުތަކުގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަނުކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ސިވިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ސުޕީރިއަރ ކޯޓެކެވެ.