މަސްވެރިކަން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށާއި މިހާރު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 50 ޓަނުގެ މަސް ކިރުވަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން މިހެން ވިދާޅުވެފައިިވަނީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށެވެ.
ރާއްޖޭގެ މަސްވެރިކަން ކުރާ މިންވަރު ދެނެގަނެވޭނެ އެއްގޮތަކީ، ޤައުމީ މަސް ކުންފުނިން މަސް ގަނެ މަސްވެރިންނަށް ފައިސާ ދޫކުރާ މިންވަރެވެ. މި އަދަދުތަކަށް ބަލާއިރު، އަހަރު ފެށުނު ފަހުން އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ ޖޫން މަހުއެވެ. އެ މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ، 11.3 މިލިޔަން ރުފިޔާއެވެ. މިއަހަރު މަސްވެރިކަން އެންމެ ރަނގަޅީ، އެޕްރީލް މަހުއެވެ. އެޕްރީލް މަހު މަސްވެރިންނަށް 78.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ޖޫން - 11.3 މިލިޔަން ރުފިޔާ
މެއި - 31 މިލިޔަން ރުފިޔާ
އެޕްރީލް - 78.8 މިލިޔަން ރުފިޔާ
މާރިޗު - 29.3 މިލިޔަން ރުފިޔާ
ފެބްރުވަރީ - 20.3 މިިލިޔަން ރުފިޔާ
ޖަނަވަރީ - 40.3 މިލިޔަން ރުފިޔާ
ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން ދަށްވެފައިވަނީ، އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރި ފައިސާ ހުރީ 1 މިލިޔަން ރުފިޔާ އަށްވުރެ ދަށުގައެވެ. ޖޫން މަހު ބައެއް ދުވަސްތަކުގައި ބޭނި މަހަށް 200،000 އެއްހައި ރުފިޔާވެސް ދޫކޮށްފައިވެއެވެ.
މިއީ، ރާއްޖޭގެ މަސްވެރިކަމަށް އައު ކަމެއް ނޫނެވެ. މަސްވެރިކަމުގެ ތަފާސް ހިސާބުތަކާއި އަދި ޒަމާނުއްސުރެ މަސްވެރިކަން ކުރާ ގޮތަށް ބަލާލާއިރު ޖޫން މަހާއި އޯގަސްޓު މަހަކީ، އެންމެ ބޮޑަށް މަސްވެރިކަން ދަށްވާ ދުވަސްވަރެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު މި ދުވަސްވަރު އެންވެރިކަން ދަށްވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މަސްވެރިކަން ދަށަށް ދެއެވެ.
މިފްކޯއިން ވިދާޅުވީ، ޖޫން މަހު މަސްވެރިކަން ދަށްވުމަށްފަހު މިހާރު މަސްވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން އެވަރޭޖް ގޮތެއްގައި މިހާރު 50 މެޓްރިކް ޓަނުގެ މަސް ކިރުވަމުން ދާކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ. މިވަގުތު މަސްވެރިކަން އެންމެ ރަނގަޅީ، ޅ.އަތޮޅު ހިމެނޭ ސަރަހައްދުން ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަން ދަށްވިނަމަވެސް އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ޓެރިފް ނެގުން މެދުކަނޑާލުމާއެކު މިފްކޯއިން ވަނީ، އެކުންފުންޏަށް މަސްގަންނަ އަގު މަތިކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިފްކޯގެ ބަނދަރުތަކުން ދަނީ، ކިލޯއަކަށް 20ރ. މަގުން މަސް ގަންނަމުންނެވެ.