ޚަބަރު

ކުނަހަންދޫ ވިމެންސް ކަޕް: ދެވަނަ މެޗު ވެސް ފޯރިގަދަ


  • މުބާރާތުގެ ހަތަރު ޓީމަކުން ވާދަކުރޭ

  • މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 12 ވަނަ ދުވަހު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ ކުނަހަންދޫ ވިމެންސް ކަޕްގެ ދެވަނަ މެޗު މޫން ސްޓާއިން ކާމިޔާބުކޮށްފިއެވެ.

މޫން ސްޓާއިން މިމެޗު ކާމިޔާބުކުރީ 5 ވިކެޓުން ޕިންކް ލޭޑިގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ގުރު ދިމާވެގެން މޫން ސްޓާއިން ގަސްދުކުރީ ހޮވަން އަރާށެވެ. އެހެންކަމުން ޕިންކް ލޭޑީއިން ކުޅެން އަރާ، 17 އޯވަރު 4 ބޯޅަޔަށް ހެދުނީ 142 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް 34 ލަނދު ހެދި، ފާތިމަތު ޔަލީނާއެވެ.
މޫން ސްޓާއިން އެންމެ ރަނގަޅަށް އުކީ، 39 ލަނޑަށް 2 ވިކެޓް ނެގި ފާތިމަތު ހިދާޔަތުއެވެ.

ޖަވާބުގައި މޫން ސްޓާއިން ކުޅެން އަރާ 16 އޯވަރު ތެރޭ 5 ވިކެޓަށް 143 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. މޫން ސްޓާއިން އެންމެ ރަނގަޅަށް ކުޅުނީ 38 ލަނޑު ހެދި ފާތިމަތު އާލާއެވެ.

ޕިންކް ލޭޑީއިން އެންމެ ރަނގަޅަށް އުކީ 39 ލަނޑަށް 1 ވިކެޓް ނެގި، ޝާހީނާ ޢަބްދުއްޞަމަދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ މޫން ސްޓާގެ ފާތިމަތު ހިދާޔަތުއެވެ.

މުބާރާތުގެ ކުރިއަށް އޮތް މެޗުގައި ވާދަކުރާނީ ސުޕާ ގާލްސް ޓީމާއި ޕިންކް ލޭޑީ ޓީމެވެ.

ލ. ކުނަހަންދޫ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 12 ގެ ނިޔަލަށެވެ.