ޚަބަރު

ވޮލީއަކީ އެކުވެރިކަމާ ބަދަހިކަން އެކުލެވޭ ކުޅިވަރެއް


  • ދުނިޔޭގެ ވޮލީބޯޅައިގެ ދުވަހަކީ ޖުލައިމަހުގެ 7 ވަނަ ދުވަސް

  • މި ކުޅިވަރު އެންމެ ފުރަތަމަ އުފެދުނީ 1895 ވަނަ

  • ވޮލީ އުފެދުނު އިރު މި ކުޅިވަރަށް ކިޔަނީ "މިންޓޮނެޓް"

މިއަދަކީ ދުނިޔޭގެ ވޮލީބޯޅައިގެ ދުވަހެވެ. ބޮލީބޯޅައަށް ޚާއްސަކޮށްގެން ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 7 ވަނަ ދުވަހު ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު، މިއީ މި ކުޅިވަރުގެ މަޤްބޫލުކަން އިތުރުކުރުމަށާއި، ކުޅިވަރުގެ ރޫޙު އާލާކުރުމަށް ފާހަގަކުރެވޭ މުހިންމު ދުވަހެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުކަން ހޯދާފައިވާ، ވޮލީބޯޅައިގެ ތާރީޚަށް ބަލާއިރު، މި ކުޅިވަރު އެންމެ ފުރަތަމަ އުފެދުނީ 1895 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އެމެރިކާގެ މެސެޗޫސެޓްސްއިންނެވެ. މި ކުޅިވަރު އީޖާދުކުރީ ވިލިއަމް ޖީ. މޯގަން އެވެ.

ފިޒިކަލް ޑައިރެކްޓަރެއްގެ މަގާމު އެދުވަސްވަރު އަދާކުރަމުން ދިޔަ، މޯގަން ބޭނުންވީ ބާސްކެޓްބޯޅައަށްވުރެ ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ، އެހެންނަމަވެސް ހަރަކާތްތެރި ކުޅިވަރެއް ތަޢާރަފްކުރުމަށެވެ. އެގޮތުން އެންމެ ފުރަތަމަ މި ކުޅިވަރު އުފެދިގެން އައި ދުވަސްވަރު މި ކުޅިވަރަށް ކިޔާފައިވާ ނަމަކީ "މިންޓޮނެޓް" އެވެ.

މި ކުޅިވަރު ފަރުމާކޮށްފައިވަނީ ޓެނިސް، ހޭންޑްބޯޅަ އަދި ބާސްކެޓްބޯޅައިގެ ބައެއް ސިފަތައް ހިމަނައިގެންނެވެ. މިންޓޮނެޓްގެ ނަމުން އުފެދިގެން އައި މި ކުޅިވަރު ވޮލީގެ ނަމަށް ބަދަލުކުރީ މި ކުޅިވަރު ބަލަން ހުރި މީހަކު، ބޯޅަ ބިމުގައި ނުޖެހި ވައިގެ ތެރޭގައި ކުޅޭތީ، "ވޮލީބޯޅަ" އޭ ކިޔަން ޚިޔާލު ދިނުމާ ގުޅިގެންނެވެ.

ކުޅިވަރުގެ ކުރިއެރުން ވޮލީބޯޅަ ދުނިޔެއަށް ތައާރަފުވެ، ވައިގައި ހިފީ 1947 ވަނަ އަހަރު ބައިނަލްއަޤްވާމީ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) އުފެދުމާއި ގުޅިގެންނެވެ. އަދި 1964 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުނު އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ވޮލީބޯޅަ ހިމަނާ، ދުނިޔޭގެ ފެންވަރުގައި ބާރަށް މިކުޅިވަރު ފެތުރެންފެށިއެވެ. އަދި ހަމައެޔާއިއެކު، މި ކުޅިވަރަށް އިތުރުވި އައު ބޮޅަކީ ގޮނޑުދޮށުގައި ކުޅޭ ބީޗް ވޮލީބޯޅަ 1996 ވަނަ އަހަރު އޮލިމްޕިކްސްއަށް ތައާރަފްކުރުމެވެ.


ރާއްޖެއަށް ބަލާނަމަ މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އާންމުކޮށް ކުޅެމުން އަންނަ ކުޅިވަރެކެވެ. ދެ ޖިންސުގެ ޒުވާނުންގެ މެދުގައި މި ކުޅިވަރު ވަރަށް ފޯރިއާއެކު ކުޅެވޭއިރު، ރާއްޖޭގެ ޤައުމީ ޓީމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަޚުރުވެރި ހަނދާންތަކެކެވެ.

ވޮލީބޯޅައަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން މިފަދަ ދުވަހެއް، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަށް ބަލާއިރު، މިކަމުގެ ސަބަބުން ކުޅިވަރުގެ ޒަރީޢާއިން އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުން ހިމެނެއެވެ.

މިއީ އެކުވެރިކަން އާލާކޮށްދީ، އެއްބައިވަންތަކޮށްދޭ ކުޅިވަރެކެވެ. މިއީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ. މިއީ ކެތްތެރިކަމާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކޮށްދޭ، އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ހަށިގަނޑެއް ބިނާކުރުމަށް އެހީތެރިވެދޭ ވަރަށް ފުރިހަމަ ކުޅިވަރެކެވެ.

އެހެންކަމުން، މި ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ ކުޅިވަރުގެ އަޚްލާޤާއެކު މި ކުޅިވަރު ކުރިއަރުވައި، މުޖުތަމަޢުގެ ބަދަހިކަން އިތުރުކުރުމެވެ.