ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވާ ފަލަސްތީނަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން އެއްބާރުލުން ދެއްވާކަމުގައި ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
އާސިމް މިހެން ވިދާޅުވީ މިހާރު އުޒްބަކިސްތާނުގެ ތަޝްކެންޓްގައި ކުރިޔަށްދާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ފަލަސްތީނުގެ ޙާލަތަށް އެތައް އަހަރުތަކެއް ވެގެންދިޔައިރުވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ސުލްޙަ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާއިރު ފަލަސްތީނުގެ އިންސާނީ ޙާލަތު ދުވަހެއް ދުވަހަކުން ގޯސްވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. އާސިމްގެ ވާހަކަފުޅުގައި އިސްލާމީ ޤައުމުތަކުގެ މިބައްދަލުވުން ބޭއްވުމަށް މިއީ ވަރަށް ރަނގަޅު ވަގުތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އިސްލާމް ދީނާއި މުސްލިމުންނާމެދު ދުނިޔެއިން ދެކެމުންދާގޮތް ގޯސްވެގެން ގޮސްފައިވަނީ މަދުބައެއްގެ ޢަމަލުތަކުން ކަމަށް ވިދާޅުވެ، މި އަހަރަށް ޚާއްސަކޮށްފައިވާ ޝިއާރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިއަހަރުގެ ޝިއާރަކީ އުނގެނުމާއި ހޯދާ ދެނެގަތުމަކީ ސުލްޙަ އާއި އުފެއްދުންތެރިކަމަށް އޮތް މަގު މި ޝިޢާރެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި އުނގެނުމާއި ކިޔައިވައި ދިނުމަށް ބޮޑު އިސްކަމެއް ރައީސް ޔާމީންގެ ސަރުކާރުން ދެއްވާ ކަމަށެވެ. ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް ގްރޭޑް ދިހައަކާއި ހިސާބަށް ކިޔެވުން މަޖުބޫރު ކަމަށް ހަދާފައިވާއިރު 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުން ތަނަވަސް ކޮށްދީފައިވާކަން މިނިސްޓަރ އާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.