ޚަބަރު

އެމްއެންޔޫ މަހާސަމާ: ބަންދާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް ޕްރޮގްރާމެއް


  • ރެޖިސްޓަރވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައި

  • ތިން އުމުރުފުރާއަކުން ބައިވެރިވެވޭނެ

  • ޕްރޮގްރާމު ކުރިއަށްދާނީ މި މަހުގެ 19-23 އަށް

ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ސްކޫލް ކުދިންނަށް އަމާޒުކޮށް އެމްއެންޔޫއިން ފަންނީ ހުނަރާ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އެމްއެންޔޫ މަހާސަމާ 2026"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ "ފުރާތަ" ޕްރޮގްރާމްގެ ދަށުން، ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ. އުފާވެރި މާހައުލެއްގައި އަމަލީ އުނގެނުމާއި ފަންނީ ހުނަރުތައް ކުރިއެރުވުމަށް ފަރުމާކޮށްފައިވާ މި މަހާސަމާ ކުރިއަށްދާނީ މި މަހުގެ 19 އިން 23 އަށް އެމްއެންޔޫ ސެންޓްރަލް ކެމްޕަސްގައެވެ.

މި ޕްރޮގްރާމުގައި ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 9 އަހަރާއި 12 އަހަރާ ދެމެދު، 13 އަހަރާއި 15 އަހަރާ ދެމެދު، އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރު ފުރާއެވެ.

މި މަހާސަމާގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

- ސައިންސާއި އީޖާދު: ތަޖުރިބާގެ ތެރެއިން ސައިންސްގެ އައު ހޯދުންތައް ދެނެގަތުމާއި، ރޮބޮޓިކްސްގެ ޒަރީޢާއިން އައު އީޖާދުތަކަށް ކުދިން އަހުލުވެރިކުރުވުން
- ހުނަރުވެރިކަން: ވާހަކަދެއްކުމުގެ ހުނަރު އަމަލީގޮތުން ދައްކުވައިދިނުމާއި، އަދަދުތަކާއި ދިރިއުޅުމުގައި ހިސާބު އިލްމުގެ މުހިއްމުކަން
- ތަރުބިއްޔަތާއި ދުޅަހެޔޮކަން: ދިރިއުޅުމުގެ އާދަކާދައިގައި އިސްލާމީ ރީތި އަދަބުތަކާއި އުސޫލުތައް އަށަގަންނަވައިދިނުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން
- އުނގެނުމުގެ އުކުޅުތައް: ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ހަރުދަނާ އުނގެނުމަކަށް ބޭނުންވާ މުހިންމު އުކުޅުތައް ދަސްކޮށްދިނުން

އެއްވެސް ފީއެއް ދައްކަން ނުޖެހޭ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެމްއެންޔޫ ވެބްސައިޓުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ނުވަތަ ކިއުއާރުކޯޑް ސްކޭންކޮށްގެން ބައިވެރި ވެވޭނެއެވެ. މި ޕްރޮގްރާމުގައި ރެޖިސްޓަރީވުމުގެ ފުރުސަތު މި މަހުގެ (ޖުލައި) 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެމްއެންޔޫއިން ވިދާޅުވީ މި ފެސްޓިވަލްގެ ބޭނުމަކީ ކިޔަވައިދޭ މާހައުލުން ބޭރުގައި، ކުދިންގެ ކިބައިގައި ހުރި ފަންނީ ހުނަރުތައް ތަރައްގީކޮށް، މުޖުތަމައަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.