ޚަބަރު

ތުއްތުކުއްޖާގެ މަރުުގެމައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފި


ތުއްތު ކުއްޖާގެ މަރުުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މައްސަލަބަލާ ކޮމެޓީއެއް އެކުލަވާލައްވައިފިއެވެ.

މައްސަލާބަލާ ކޮމެޓީއެއް އެކުލަވާލާފައިވަނީ މުސްތަޤްބަލުގައި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބަލައި، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މިކޮމިޓީގެ މެމްބަރުންގެ ގޮތުގައި ޖެންޑަރ މިނިސްޓްރީގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީހާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން - ޝީ، ގެ މަންދޫބުން ހިމެނެއެވެ.

5 މަހުގެ ތުއްތު ފިރިހެން ކުއްޖާގެ މަރުގެ ހަޤީޤަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުންވަނީ ނިންމަވާފައެވެ. ފުލުހުން ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވަނީ އެކުއްޖާ މަރުވެފައިވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަޤީޤަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ތަހްޤީޤަށް ފެންނާތީ ކަމަށެވެ. ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ފުލުހުންނާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ޓެސްޓްތައް ހައްދަވާފައި ކަމަށް ފުލުހުން ވިދާޅުވެއެވެ. ޖެންޑަރ މިނިސްޓްރީން ވަނީ މިމައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްކަން އެނގިފައިނުވާ ކަމަށް ވިދާޅުވެފައެވެ.