ޖޫން މަހުގެ 24ވަނަ ދުވަހު ހޯސޭ ގާސިއާ ހުރީ އޭނާގެ އަންހެނުންނާއި ކުޑަ ދެ ފިރިހެން ދަރިންނާއެކު ގޭގައެވެ. އެ މީހުން ދިރިއުޅެމުން ދިޔައީ ވެނެޒުއެލާގެ ލަ ގުއައިރާގެ އަވަށެއްގައި ހުންނަ ރިޓަސޮލް ޕެލެސް ކިޔާ 11 ބުރީގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާގައެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވުމަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. މުޅި ޙަޔާތް ބަދަލުވެގެން ދިޔައީ އިރުއޮއްސި 6:04ގައި ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުންނެވެ.
ރެކްޓަރ މިންގަނޑުން 7.2ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ހޯސޭ ދިރިއުޅޭ އިމާރާތް ބިމާ ހަމަވިއެވެ. ބިންހެލުން އައިއިރު ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓުގައި ހުރި ހޯސޭއަށް ހޭވެރިކަންވިއިރު އޭނާ އޮތޯ އިމާރާތުގެ ބޭސްމަންޓުގައިވާ ގައުކުނޑިތަކުގެ ތެރޭގައެވެ. އޭނާގެ 7 އަހަރުގެ ދަރިފުޅު ޑިއެގޯއާއި 12 އަހަރުގެ ދަރިފުޅު ސަންތިއާގޯ ވަނީ ގައުކުނޑިތަކުގެ ތެރޭގައި ވަޅުލެވިފައެވެ.
އުމުރުން 46 އަހަރުގެ ހޯސޭ އެ ވަގުތު ސިފަކުރީ އިންސާނެއްގެ ޙަޔާތުގައި ކުރިމަރިވާނެ އެންމެ އުނދަގޫ އެއް ޙާލަތުގެ ގޮތުގައެވެ. އެ އުނދަގޫ ޙާލަތުގައި އޭނާ ހުއްޓާ އޭނާ ސަމާލުކުރުމަށް އައީ ހީވެސް ނުކުރާ މީހެކެވެ. އެއީ އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު، ޖީސަސް ގާސިއާއެވެ.
ޖީސަސް މަސަައްކަތްކުރަމުން ދިޔައީ ލަ ގުއައިރާގެ އަލިފާން ނިވާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ބިންހެލުން އަައުމުގެ ކުރިން އޭނާ ވަނީ އެ އިދާރާއިން ވަކިވެފައެވެ. ވަޒީފާއިން ވަކިވި ނަމަވެސް އޭނާއާއެކު މަސައްކަތްކުރި އޭނާގެ ރަހުމަތްތެރިން ވަނީ މަސައްކަތުގައި އޭނާ ބޭނުންކުރި ހެލްމެޓާއި ޖެކެޓު ރައްކާކޮށްފައެވެ. އެ ތަކެތީގެ ބޭނުން ޖެހިދާނެ އިރަކަށެވެ. ކަން ދިމާކުރި ގޮތުން އެ ސާމާނު ބޭނުންކުރަން ޖެހުނީ ބިންހެލުން އައި ދުވަހު، ޖީސަސްގެ އަމިއްލަ ޢާއިލާ ސަލާމަތްކުރުމުގެ މަސައްކަތަށެވެ.
ބިންހެލުން އައުމާއެކު ޖީސަސް އަވަސްވެގަތީ ގެއަށް ގޮސް ޢާއިލާގެ ޙާލު ބެލުމަށެވެ. އޭނާ ގެއާ ދިމާލަށް މިސްރާބު ޖެހިއިރު ޢާއިލާގެ ޙާލު ލަފާ ކުރާކަށް ވެސް ނޭނގެއެވެ. ވަށައިގެން ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކެވެ. ހަޅޭކާއި ރުއިމުގެ އަޑުފައްގަނޑެވެ.
ޖުލައި މަހުގެ 5ވަނަ ދުވަހާ ހަމައަށް، ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 3،342އަށް އިތުރުވެފައެވެ. އެ ޢަދަދު އަދިވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެތައް ބައެއްގެ ހަށިތައް އަދިވެސް ބިމު އާޑީގައި ތާށިވެފައިވެއެވެ.
ގެއާ ހަމައަށް ފޯރުމާއެކު ޖީސަސްއާ ބައްދަލުވީ އޭނާއާއެކު އަލިފާން ނިވާ އިދާރާގައި މަސައްކަތްކުރި ރަޙްމަތްތެރިޔަކާއެވެ. މުޅި ތަން ސުންނާފަތިވެފައި އޮއްވާ އޭނާގެ ރަޙްމަތްތެރިޔާ އޭނާ ގާތުގައި ބުނީ ބައްޕައާއި ދެ ކޮއްކޮ ދިރިހުރި ކަމަށެވެ. އެ މީހުން ތިބީ އިމާރާތް ވެއްޓުމުން އުފެދިފައިވާ ގައުކުނޑިތަކުގެ ތެރޭގައި ތާށިވެފައި ކަމަށް އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ޖީސަސްއަށް އެ ކަން ޤަބޫލު ކުރުމަށް ދަތިވިއެވެ. ނަމަވެސް އެ ވަގުތު ގައުތަކުގެ ތެރެއިން އޭނާގެ ބައްޕަ ގޮވަމުންދާ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެހާ ހިސާބުން އައު ހިތްވަރެއް ލިބި، ބައްޕައާއި ކޮއްކޮމެން ސަލާމަތް ކުރާނެ ކަމުގެ ޔަޤީންކަން އޭނާ އޭނާގެ ބައްޕައަށް ދިނެވެ. އޭރު ހޯސޭ ތާށިވެފައި އޮތްތާ ގަޑިއިރެއްހާއިރު ވަނީ ވެފައެވެ. ހޯސޭއާއި ދެ ކުދިންގެ ޙާލު އެ ވަގުތު ރަނގަޅު ނަމަވެސް ކިރިޔާ ވެސް ގައުކުނޑިތައް ގުޑިލައިފި ނަމަ ފުރާނައަށް ނުރައްކާވުމުގެ ބިރުވެރިކަން އޮތުމުން ހޯސޭ ހުރީ ވަރަށް ހާސްވެފައެވެ. އެހެން ވެއްޖެ ނަމަ އޭނާއާއި އޭނާގެ ދެ ދަރިން ޗިސްވާނެއެވެ.
“އަހަރެން އެންމެ ފުރަތަމަ ވެސް ވިސްނީ އަހަރެންގެ ދަރިންނާ މެދު. އަހަރެންގެ އެންމެ ހަގު ދަރިފުޅު އޮތީ އަހަރެންގެ މޭ މަތީގައި، ނަމަވެސް ދެން ހުރި ދަރިފުޅު އަހަރެމެންނަކަށް ނުފެނޭ. އެ ކުއްޖާ އޮތީ އަހަރެންނާ ޖެހިގެން. އޭނާ އޮތީ ވަޅުލެވިފައި. އަހަރެމެންނަކަށް އޭނާގެ މޫނެއް ނުފެނޭ. އަހަރެމެންނަށް ފެންނަނީ ހަމައެކަނި އޭނާގެ އެއް ފައިތިލައާއި އެއް އަތް،” ހޯސޭ ބުންޏެވެ.
ބައްޕައާއި ކޮއްކޮމެން ދިރިހުރި ކަން އެނގުމުން ޖީސަސް އަވަސްވެގަތީ އެ މީހުން ސަލާމަތް ކުރުމަށެެވެ. އޭރު ރޭގަނޑުގެ އަނދިރިކަން ވަނީ ވެރިވެގަނެފައެވެ. ވަކި ހިސާބަކުން އޭނާއަށް ޔަޤީންވީ އިރު އަރަންދެން މަސައްކަތް މަޑުޖައްސައިލަން ޖެހޭނެ ކަމެވެ. އަދި ޢާއިލާގެ މެންބަރުންނާއި އޭނާއާ ދެމެދުވާ ގައުކުނޑިތައް ކެނޑުމަށް ބަޑިއެއް ބޭނުންވާނެ ކަމެވެ.
ޖެހިގެން އައި ދުވަހު ފުލުހުންގެ ޚާއްޞަ ސްކޮޑެއް އެ ސަރަޙައްދަށްް އައެވެ. އެއީ ހޯސޭއާއި އޭނާގެ ޢައިލާ ސަލާމަތް ކުރުމަށް ބޭނުންވާ ފަދަ ވަޞީލަތްތައް ހުރި ޓީމެކެވެ. ލަ ގުއައިރާގެ އަލިފާން ނިވާ ޓީމުގައި މަސައްކަތްކުރާ ޖީސަސްގެ ރަޙުމަތްތެރިންނާއި ފުލުހުންގެ ޓީމުން އެކުގައި މަސައްކަތްކޮށް، ޖީސަސްއަށް އޭނާގެ ބައްޕައާއި ކޮއްކޮމެން ސަލާމަތްކުރެވުނީ ބިން ހެލުން އައިތާ ގާތްގަނޑަކަށް 20 ގަޑިއިރު ފަހުންނެވެ. ބައްޕައާއި ކޮއްކޮމެން ސަލާމަތްވުމުން، ޖީސަސް ފުރަތަމަ ވެސް އެ މީހުންގެ ގައިގައި ބާރަށް ބައްދައިލާ، ލޯބިވާ ވާހަކަ ޙިއްޞާކުރިއެވެ.
އެ ވަގުތުކޮޅު ވެގެން ދިޔައީ ހޯސޭއަށް ވަރަށް ޖަޒުބާތުން ފުރިގެންވި ވަގުތު ކޮޅަކަށެވެ.
“އަހަރެމްނަށް އިޙްޞާސް ކުރެވުނީ އަހަރެން ސަލާމަތްވެ، ދިރިއުޅުމުގައި އިތުރު ފުރުޞަތެއް ލިބުމަކީ އެ ކަމާ މެދު އަހަރެންގެ މުޅި އުމުރަށް ޝުކުރުވެރިވާން ޖެހޭނެ ކަން،” ހޯސޭ ބުންޏެވެ.
ހޯސޭއާއި އޭނާގެ ދަރިން ސަލާމަތްވި ނަމަވެސް ހޯސޭގެ އަންހެނުންގެ ހިލަމެއް އަދިވެސް ނުވެއެވެ. ބިންހެލުން އައި ފަހުން 11 ދުވަސް ފާއިތުވެފައިވާއިރު އޭނާ އަދިވެސް ވަނީ ގައުކުނޑިތަކުގެ ދަށުގައެވެ. ނަމަވެސް ހޯސޭއާއި އޭނާގެ ޢާއިލާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. އޭނާއާއި އޭނާގެ ދަރިން ސަލާމަތްވި ގޮތަށް އޭނާގެ އަންހެނުން ވެސް ސަލާމަތް ވާނެ ކަމަށް ޤަބޫލުކުރާ ކަމަށް ހޯސޭ ބުންޏެވެ.
ވެނެޒުއެލާގެ ސަރުކާރުން ބުނީ އެ ޤައުމަށް އައި ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން 856 އިމާރާތަަކަށް ގެއްލުން ލިބި، 190 އިމާރާތް ސުންނާފަތިވެ ބިމާ ހަމަވެފައިވާ ކަމަށެވެ. ސެޓެލައިޓް ފޮޓޮއިން ފެންނަ ގޮތުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކުގެ ޢަދަދު ރަސްމީ ޢަދަދުތަކަށް ވުރެ އެތައް ގުނައެއް އިތުރެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބިންހެލުންތަކުގެ ސަބަބުން ވެނެޒުއެލާއަށް ކުރިމަތިވެފައިވާ ޙާލަތަކީ މީގެ ކުރިން އެ ޤައުމަށް ކުރިމަތިވެފައި ނުވާ ވަރުގެ އުނދަގޫ ޙާލަތެއް ކަމަށެވެ. އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. ޢާންމުންގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ. ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެސް އެދެވޭ މިންވަރަށް މަސައްކަތް ނުކުރާކަމަށް ބައެއް ރައްޔިތުން ޤަބޫލުކުރެއެވެ.