ފާއިތުވި 20 ވަރަކަށް އަހަރު ފަލަސްޠީނުގެ ޣައްޒާ ހިންގުމަށް ހަމާސް ޖަމާޢަތުން ޤާއިމްކޮށްފައި އޮތް އިދާރާ އުވައިލާފައިވާ ކަމަށް ޙަމާސުން އިޢުލާނުކޮށްފިއެވެ.
2006ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޙަމާސްއަށް ކާމިޔާބު ލިބުމަށް ފަހު، ފަތަޙް ޖަމާޢަތުން ޣައްޒާ ހިންގަމުން ދަނިކޮށް ޙަމާސްއިން ވަނީ 2007ވަނަ އަހަރުގެ ތެރޭގައި ޣައްޒާގެ ހިންގުމާ ޙަވާލުވެފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޙަމަލާ ދޭން ފެށިތާ ގާތްގަނޑަކަށް ދެ އަހަރަށް ފަހު އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޙަމާސްއާ ދެމެދު ވަނީ ޙަމަލާ ބަދަލުކުރުން މަދުކަނޑައިލުމަށް އެއްބަސްވެފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު ޙަމާސްއިން ދަނީ ޣައްޒާގެ އިދާރީ ހިންގުމުން އެ ޖަމާޢަތުން އެއްފަރާތް ވުމަށް ތައްޔާރަށް އޮތް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް އެ ޖަމާޢަތުން ހަތިޔާރު ބެހެއްޓުމާމެދު މިހާތަނަށް ދެ ފަރާތަށް އެއްބަސްވެވިފައެއް ނުވެއެވެ.
ޣައްޒާ ހިންގާ އެމަޖެންސީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޓީގެ އިސްވެރިޔާ، މުޙައްމަދު އަލް-ފައްރާ މަޤާމުން އިސްތިޢުފާ ދެއްވުމަށް ރަސްމީކޮށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެމަޖެންސީ ކޮމިޓީ އުވާލާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތަށް ނިންމާފައި ވަނީ ޔަހޫދީންނާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކޮށް ތަންފީޛު ކުރުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޣައްޒާ ހިންގުން އެހެން ބަޔަކާ ޙަވާލުކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޙަމާސްގެ އިސް ބޭފުޅަކު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޣައްޒާގެ ހިންގުމާ ޙަވާލުވާ ނޭޝަނަލް ކޮމިޓީ ފޮރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ (އެންސީއޭޖީ)އަށް އެ ފުރުޞަތު މީ އެންމެ އަވަހަކަށް ދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ.
ޙަމާސްގެ ތަރުޖަމާނު ހާޒިމް ޤާސިމް ވިދާޅުވީ ޣައްޒާގެ އިދާރީ ކަންކަމުގައި ޙަމާސްއިން ދެން ބައިވެރި ނުވާނެ ކަަށެވެ. ޙަމާސްއިން އެ ނިންމުން ނިންމީ ޣައްޒާއަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރާ ދޮގު ބަހަނާ ނައްތައިލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އުންމީދު ކުރައްވަނީ އެންސީއޭޖީއިން ޣައްޒާގެ އިދާރީ ކަންކަމާ އަވަހަށް ޙަވާލުވުމަށް ކަމަށާއި ސަރުކާރުގެ ޒިންމާތައް އެހެން ފަރާތަކާ ޙަވާލުކުރުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންސީއޭޖީގެ އިސްވެރިޔާ ޢަލީ ޝާތު ވަނީ ޙަމާސްގެ ނިންމުމަށް މަރުހަބާ ކިޔުއްވައިފައެވެ. އޭނާ ވިދާޅުވީ ބޭނުންވާ ވަޞީލަތްތައް ލިބި އެ ކަމަށް ކުޅަދާނަ ވުމުން ޣައްޒާ ހިންގުމުގެ ޒިންމާތައް އެންސީއޭޖީއިން އުފުލާނެ ކަމަށެވެ.