ޚަބަރު

މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 335 ޓަނުގެ މުދާ


  • 4 އެއާލައިނެއް މެދުވެރިކޮށް މުދާ ފޮނުވާފައިވޭ

  • ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 65 ޓީއީޔޫސް ވަނީ ފޮނުވާފައި

މިދިޔަ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވުމެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއިން 4 އެއަރލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7ގައުމަކަށް 335އަށްވުރެ ގިނަ ޓަނުގެ މުދާ ފޮނުވާފައިވެއެވެ. މިއީ ކޮންޓެއިނަރުތަކަށް ބަލާނަމަ 65 ޓީއީޔޫސްއެވެ.

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއާލައިންތައް:

ޤަތަރު އެއަރވޭސް
ޓާކިޝް އެއަރލައިންސް
ސަޢުދިއާ
އެމިރޭޓްސް

މިދިޔަމަހު 335 ޓަނުގެ މުދާ ފޮނުވާފައިވާއިރު، މިއީ މޭ މަހާ އަޅާ ބަލާއިރު %102 އިތުރު އަދަދެކެވެ. މޭ މަހުގެ އަދަދު ހުރީ 162 ޓަނުގައެވެ.

ސީ-ޓުއެއަރ ކާގޯގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ، އެމްޕީއެލްއާ ގުޅިގެންނެވެ. މި ޚިދުމަތް ފަށާފައިވަނީ 2024ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ.
.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.