ކުޅިވަރު

ފުރަތަމަ މޮޅާއެކު ނިއުރޭޑިއަންޓް 3 ވަނަ އަށް!


  • ކެޔޮދޫ އަތުން ނިއުރޭޑިއަންޓް މޮޅުވީ 7-1 ން

19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގައި ހޯދި ފުރަތަމަ މޮޅާއެކު ނިއުރޭޑިއަންޓް ލީގު ބުރުގެ 3 ވަނަ އަށް ޖެހިލައިފިއެވެ.

ފުރަތަމަ ދެ މެޗު އެއްވަރުވެ، ދެ ޕޮއިންޓާއެކު މެޗަށް ނިކުއިން ނިއުރޭޑިއަންޓުން ކެޔޮދޫ ބަލިކުރީ 7-1 ނެވެ. މެޗުގެ ފުރަތަމަ ހާފް ނިއުއިން ނިންމާލީ 3-0 ގެ ލީޑެއްގައެވެ. ނިއުރޭޑިއަންޓަށް ފުރަތަމަ ކުރި ހޯދައިދިނީ އަޔާން ހުސައިން ސަރީފް އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ގޯލުންނެވެ. ދެވަނަ ލަނޑު ކެޕްޓަން އީތަން ނަގައިދިން ހުރަސް ބޮލުން ގޯލުގެ މެދަށް ފޮނުވާލައިގެން ކާމިޔާބުކުރީ އަހުމަދު މާއިން މުޙައްމަދެވެ. ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ވެސް އެންމެ ފަހު ވަގުތު ތިންވަނަ ލަނޑު ޖެހީ މުހައްމަދު އިޒާން އަލީ އެވެ. މާއިން ޖައްސާލި ބޯޅަ އިޒާން ކޮންޓްރޯލް ކޮށްލުމަށްފަހު ތިރިތިރިން ގޯލަށް ފޮނުވާލީ ހަމަޖެހިލާފައެވެ.

ދެވަނަ ހާފް ފަށައިގެން ނިއުގެ ހަތަރުވަނަ ގޯލް ޖެހީ ބަދަލަކަށް ނިކުއިން ޒާކީ މުޖުތަބާ ޒާހިރު އެވެ. އިޒާން މަޑުމަޑުން ޖައްސާލި ބޯޅަ އަރިމަތީ ދަނޑި ކައިރީ ހުރެ ޒާކީ ގޯލަށް ފޮނުވާލީ ފަސޭހައިންނެވެ. ފަސްވަނަ ލަނޑު ޖެހީ ބަދަލަކަށް ނިކުއިން އަބްދުالله އާއިޝް އަލީ އެވެ. ޑީއޭރިޔާ ތެރެއިން ތިރިތިރިނެ ފޮނުވާލި ބޯޅަ ހުއްޓުވަން ކެޔޮދޫ ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ހަވަނަ ގޯލް ޖެހީ ކެޕްޓަން އީތަން ދިން ބޯޅައަކުން އަހުމަދު ހަމްދާން އަޒްލީންއެވެ. ނިއުރޭޑިއަންޓްގެ ހަތް ވަނަ ގޯލް އިތުރު ވަގުތުގައި އީތަންގެ ވަރަށް ރީތި ޕާހަކުން ޖެހީ ޒާކީ އެވެ. މިއީ އޭނާ މެޗުގައި ޖެހި ދެވަނަ ގޯލެވެ.

ނިއުރޭޑިއަންޓުން ހަތަރު ލަނޑު ޖެހި ފަހުން ކެޔޮދޫގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖެހީ މުހައްމަދު ސައްމާހު ސަލާހުއެވެ. އެއީ ނިއުގެ ޑިފެންޑަރޑެނިޔަލް މުހައްމަދު ދީދީ އަޒްޔާން އާދަމް ރަޝީދަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މިމޮޅާއެކު ނިއުރޭޑިއަންޓް އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކު ތިން ވަނައިގައެވެ. އެއްވަނައިގައި އޮތް މާޒިޔާއާއި ދެވަނައިގައި އޮތް އޮޑިވެސް ވަނީ 7 ޕޮއިންޓް ހޯދާފައެވެ. ކެޔޮދޫ އޮތީ 3 ޕޮއިންޓާއެކުއެވެ. ފައިނަލަށް ދާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.