ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެވުޒާރާއިން ވިދާޅުވީ، ޒުވާން ޚަޠީބުންގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ، ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން ވަނީ އެދިފައެވެ.
އެވުޒާރާއިން ވިދާޅުވީ، މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެއް ކަމަށެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ.ޔާސިރު އައްދައުސަރީ ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި، ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
މިހާރު ރާއްޖޭގައި 621 ޒުވާން ޚަޠީބުންނާއި 310 ޙާފިޛުން ވަނީ ތަމްރީން ކޮށްފައެވެ.