ސައުދި އަރަބިއްޔާގެ ޚާއްސަ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ސައުދިއަރަބިއްޔާގެ މި ވަފުދާއެކު ވަޑައިގެންނެވީ، އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް-ޤަޙްޠާނީއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު، ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ދީލަތިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ދެ ޤައުމުންވެސް ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން އޮތްކަމަށް ވިދާޅުވެފައެވެ.
ސައުދީ ވަފުދާއެކު ބޭއްވެވި ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.