ޚަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރެމިޓެންސް ޓެކްސް ނެގުން


ވާރކް ވިޒާގެ ދަށުން ރާއްްޖޭގައި މަސައްކަތްކުރާ ބިދޭސީން، ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

ރާއްްޖޭގައި މަސައްކަތްކުރާ ބިދޭސީން، ބޭންކެއް ނުވަތަ ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ އޭޖެންސީއެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާއިރު، ރެމިޓެންސް ޓެކްސް ނަގަން ވަނީ މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ފަށާފައެވެ. ނަމަވެސް ރާއްްޖޭގައި މަސައްކަތްކުރާ ބިދޭސީން، ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާ އިރު ރެމިޓެންސް ޓެކްސް ނަގަން އަދި ފަށާފައެއް ނުވެއެވެ.

ވާރކް ވިޒާގެ ދަށުން ރާއްްޖޭގައި މަސައްކަތްކުރާ ބިދޭސީން، ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާއިރު ރެމިޓެންސް ޓެކްސް ދައްކަންޖެހޭ ތާރީޚު ކަނޑައަޅާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓުގައި ހުރި ފައިސާ، 1 ޖެނުއަރީ 2017 އިން ފެށިގެން، ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާއިރު، ރެމިޓެންސް ޓެކްސް ނެގޭނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި 5 ވަނަ އިސްލާޙާއެކު އެ ގާނޫނަށް ވަނީ ރެމިޓެންސް ޓެކްސްއާ ބެހޭ ބާބެއް އިތުރުކޮށްފައެވެ. އެ ބާބުގައި ބުނާ ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި 3 ޕަސެންޓު ނެގޭނެއެވެ.

ގާނޫނު ބުނާ ގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމަކީ ބޭންކުތަކާއި މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.