ޚަބަރު

“ފިޔަވަތި”ގެ ބެލުމުގެދަށުގައި ހުއްޓާ މަރުވި ކުއްޖާގެ ޕޯސްޓްމޯޓެމް


ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި 5 މަހުގެ ތުއްތު ފިރިހެން ކުއްޖާގެ މަރުގެ ހަޤީޤަތް ދެނެގަތުމަށް ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ޕޯސްޓްމޯޓެމް ހެދުމަށް ނިންމާފައިވަނީ އެކުއްޖާ މަރުވެފައިވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަޤީޤަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ތަހްޤީޤަށް ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ. ޕޯސްޓްމޯޓެމް ހެދުމާއި ގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ފުލުހުންނާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ޓެސްޓްތައް ހަދާފަވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.