ޚަބަރު

ފުޓުބޯޅަ ލާމަރުކަޒީކޮށް ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަން ނިންމައިފި


  • ދިވެހި ފުޓުބޯޅައިގެ އުޖާލާ ކުރިމަގަށް އެޅޭ ބިންގަލެއް

  • ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ސަރަހައްދުގައި ރީޖަނަލް އެސޯސިއޭޝަން އުފައްދާނެ

ވަޅުޖެހި، އިނދަޖެހިފައި އޮތް ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޯށް، ދިވެހި ފުޓުބޯޅަ އޭގެ އަސްލު މަގާމަށް ވާސިލްކޮށްދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ނިންމުމެއް ނިންމައިފިއެވެ.

އެފްއޭއެމް އިން ނިންމާފައި ވަނީ، ފުޓުބޯޅައިގެ ހިންގުން ލާމަރުކަޒީކޮށް، ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމްކުރުމަށެވެ.

މި ނިންމުން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، ހަތަރު ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަން އުފައްދަން ނިންމާފައިވާއިރު އެ އެސޯސިއޭޝަންތަކަކީ، ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަލް ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ.

އެފްއޭއެމް އިން މިހާރު ވެސް އަންނަނީ މި ހަތަރު ސަރަހައްދަށް ޙާއްސަކޮށްގެން ލީގު އުސޫލުން މުބާރާތްތަކެއް ބާއްވައި، އެ މުބާރާތްތައް ކާމިޔާބުކުރާ ޓީމުތަކަށް ދިވެހި މައި ފުޓުބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުސަތު ދެމުންނެވެ.

މި އެސޯސިއޭޝަންތަކާއެކު، އެ އެސޯސިއޭޝަނަކަށް ޙާއްސަ ސަރަހައްދެއްގެ ލީގުތަކާއި، މުބާރާތްތައް ހިމެނޭހެން ފުޓްބޯޅައިގެ ހުރިހާ ކަމެއް ރާވާ އިންތިޒާމުކުރާނީ އެ އެސޯސިއޭޝަނަކުންނެވެ. އެ ހިސާބުން އެފްއޭއެމް ބަދަލުވާނީ ޤައުމީ ފެޑެރޭޝަނަކަށެވެ. އެފްއޭއެމްގެ މައިގަނޑު ޒިންމާއަކަށްވާނީ ގައުމީ ޓީމުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަކޮށް ފުޓްބޯޅައިގެ ކަންކަން ބަލައި، މުހިންމު ކަންކަން ނިންމުމެވެ.

މުހިންމު މި ނިންމުން ނިންމި ބައްދަލުވުމުގައި، އިތުރު ބައެއް ނިންމުންތައް ވެސް ނިންމާފައިވެއެވެ. އެގޮތުން ފުޓްބޯޅަ އެސޯސިއޭޝަންގެ 2026/2026 ވަނަ ސީޒަނުގެ ފުޓުބޯޅަ ކަލަންޑަރު ފާސްކޮށްފައިވެއެވެ.

އަދި، ޖުލައި 25 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ވެސް ފާސްކޮށްފައިވެއެވެ.

މީގެއިތުރުން، 2017 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސް ޕްރޮޖެކްޓްސް ހިންގުމަށް ޙާއްސަކޮށްގެން ކުޅިވަރު ވުޒާރާއިން އެފްއޭއެމްއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، ފުޓުބޯޅަ ދަނޑު އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ހަދާފައިވާ ގުދަނަކާ ގުޅިގެން ނިންމަން ޖެހޭ ބައެއް ނިންމުންތައް ވެސް މި ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އެގޮތުން، އެފްއޭއެމްގެ އޭރުގެ ވެރިން އެ ބިން ދޫކޮށްފައިވާ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އިއުތިރާޒް ކުރާތީ އަދި ބިން ހަވާލުކުރަން ދެކޮޅުހަދާތީ، ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.