ތަޢުލީމު

ޤައުމީ ޔުނިވަރސިޓީން އައު ސައިންސް ކޯހެއް ފަށަނީ


ޤައުމީ ޔުނިވަރސިޓީން އަންނަ ޖެނުއަރީ މަހު މުޅިން އަލަށް ސައިންސް ކޯހެއް ފެއްޓުމަށް ނިންމަވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީން އަންނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ 5،480 ޖާގައަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިން ގެންދަވަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ހިންގަވަމުންނެވެ. މިގޮތުން އެ ޔުނިވަރސިޓީގެ 9 ފެކަލްޓީ އާއި 2 ސެންޓަރަކުން ޖުމްލަ 182 ކޯސް މިހާރުވެސް ކުރިއަށް ގެންދަވައެވެ. އަދި ތަފާތު އެކި ދާއިރާތަކުން އެކި ފެންވަރުގެ ކޯސްތަކެއް މުޅިން އަލަށް ތަޢާރަފް ކުރެއްވުމަށްވެސް އެ ޔުނިވަރސިޓީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އަންނަ ޖެނުއަރީ މަހު މުޅިން އައު ކޯސްތަކެއް ފެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ. އަންނަ އަހަރުގެތެރޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ކުރުމުއްދަތުގެ ކޯސްތަކާއި ދިގުމުއްދަތުގެ ކޯސްތައްވެސް ހިމެނެއެވެ. މީގެތެރެއިން މުޅިން އަލަށް ފެއްޓެވުމަށް ހަމަޖެހިފައިވާ ސައިންސް ކޯހާއި އިސްލާމިކް އެޑިޔުކޭޝަންގެ މާސްޓަރސް ކޯހެއް ހިމެނެއެވެ. 

"އިރާދަކުރެއްވިއްޔާ ސައިންސް ކޯހެއް ޖެނުއަރީމަހުގެ ތެރޭގައި ކުދިންނާ ހަމައަށް ގެނެވޭވަރު ވާނެ. މަސައްކަތް ކުރަމުން މިދަނީ އޮކްޓޫބަރ މަހުގެ ނިޔަލަށް ކޯސް އިއުލާން ކުރުމަށް. މީގެއިތުރުންވެސް ވަރަށްބާރަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެމުން އަބަދޭ މިހާރުވެސް އަޅުގަނޑުމެންގެ އޮންނަ ދާއިރާއެއް އެއީ އެހެންނަމަވެސް އައިޓީ ދާއިރާގެ ޙާއްސަކޮށް ކޮންޕިއުޓަރ ސައިންސަށް ފަރުމާކޮށްގެން ކޯހެއް. މިކޯސް ޖެނުއަރީ މަހު ސީދާ ފެށޭނެއެކޭ އަޅުގަނޑަށް ދަންނަވާކަށް ނުކުރޭނެ. އެހެންނަމަވެސް މިކޯސްވެސް ޖެނުއަރީ މަހު ފެށޭތޯ މަސައްކަތް ކުރަމުން މިއަންނަނީ" ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީން ހިންގަވާ ކޯސްތަކުގެ ތެރެއިން އެންމެ ޑިމާންޑް ބޮޑީ ނާރސިންގ ކޯސްތައް ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ. ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ ޑރ. ސައުދު ﷲ ޢަލީ ވިދާޅުވީ، ނާރސިން ކޯސްތަކަށް އިއުލާން ކުރާތާ ދެތިން ދުވަސްތެރޭގައި އެކޯސްތަކުގެ ހުރިހާ ޖާގައެއް ފުލްވާ ކަމަށެވެ. އެހެންކަމުން ނާރސިން ކޯސްތަކުގެ ޖާގަ އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑރ. ސައުދު ވިދާޅުވިއެވެ.

"މިފަހަރު ހާއްސަ ގޮތެއްގައި އެބަ ފާހަގަކޮށްލަން ޖާގައިތުރު ކުރުމުގެ ގޮތުން އައުޓްރީޖް ސެންޓަރެއްގައި މިފަހަރު ނާރސިން ކޯހުގެ ޖާގަހުޅުވާލާފައި އޮންނާނެ ރ. އުނގޫފާރުގަ. އުނގޫފާރުގައި 20 ޖާގައަށް ފުރުޞަތު ހުޅުވާލާފައި އޮންނާނެ. އެހެންނަމަވެސް އެޖާގަތައް ޙާއްޞަކޮށްފައި ވާނީ އޯލެވެލްގެ ނަތީޖާ އޮންނަ ދަރިވަރުންނަށް. އޯލެވެލްގެ ނަތީޖާއިން ވަދެވޭ ދަރިވަރުންނަށް" ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ ޑރ. ސައުދު ﷲ ޢަލީ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީން އަންނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ 5،480 ޖާގައަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިއީ 96 ކޯހަކަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. މި ކޯސްތަކަށް މިދިޔަ މަހުގެ 23 އިން ފެށިގެން ޑިސެމްބަރުގެ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ފޯމް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. ފުރަތަމަ ސެމެސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެތެރޭގައި ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަށް ހިމެނެއެވެ. ޤައުމީ ޔުނިވަރސިޓީން ހިންގަމުންދާ ދިގުމުއްދަތުގެ ކޯސްތަކުގައި 6،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، ކުރު ކޯސްތަކުގައި 3،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދެއެވެ.