ޚަބަރު

ޚާމަނާއީގެ ޖަނާޒާ: މިލިޔަނުން މީހުން ނުކުމެ މަގުތައް ފުރާލައިފި


ޔަހޫދީންނާއި އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާ މިއަދު ރަސްމީކޮށް، ވެރިރަށް ތެހެރާނުގައި ފެށިފައިވާއިރު، ޚާމަނާއީއަށް އަލްވަދާޢު ކިޔުމަށް އެތަކެއް މިލިއަން މީހުން ޖަމާވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ހަފްތާއަކަށް ދިގުދެމިގެންދާ މި ޖަނާޒާގައި 15 މިލިއަނާއި 20 މިލިއަނާ ދެމެދުގެ ޢަދަދަކަށް މީހުން ބައިވެރިވާނެކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ކަޅު ހެދުން ލައިގެން އަދި ބަދަލުހިފުމާއި އިންސާފަށް ގޮވާލުމުގެ ރަމްޒެއް ކަމަށް ޝިއަޢީން ބަލާ ރަތްކުލައިގެ ދިދަތައް ހިފައިގެން ތިބި އެތައް ބަޔަކާ އެކު، ތެހެރާނުގެ އިމާމް ޙުމައިނީ މައިދާންް ވަނީ ފުރިބާރުވެފައެވެ.

އަދި ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމަށް ގޮވާލައި އަޑުތަކުން މުޅި ސަރަޙައްދު ވަނީ ގުގުމާލައިފައެވެ.

ޚާމަނާއީގެ ހަށިކޮޅު ގެންދާ ސަންދޯއް، ތެހެރާނުގައި ކުރިއަށް އޮތް ތިން ދުވަހު ބާއްވާނެއެވެ.

އެއަށްފަހު ޚަމަނާއީގެ ހަށިކޮޅު އީރާނާއި އިރާޤުގެ ޝިއަޢީންގެ މައި ސަހަރުތައް ކަމަށްވާ ޤުމް، ނަޖަފް އަދި ކަރްބަލާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ އިއްޒަތުގައި ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު، ޝިއަޢީގެ މުޤައްދަސު މަޝްހަދުގައެވެ.

ޚާމަނާއީގެ ޖަނާޒާ ފަސްކުރަން ނިންމީ، އެމެރިކާ އާއެކު ހަނގުރާމަ ކުރަމުންދިޔުމުގެ ސަބަބުން ގިނަ ޢަދަދެއްގެ އާންމުން އެއްތަނަކަށް އެއްވުން ރައްކާތެރިނުވާތީކަމަށް ބުނެއެވެ.

ޚާމަނާއީގެ ޖަނާޒާ ކުރިއަށް ގެންދަން ނިންމާފައިވަނީ، އެމެރިކާ އާއެކު ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޚާމަނާއީގެ ޖަނާޒާއާ ދިމާކޮށް، ތެހެރާނުގައި ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ މަގުތަކަށް ނުކުމެ، ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

އަދި ޖަނާޒާ ކުރިއަށްދަނިކޮށް، އެއްވެސް ޙަމަލާއެއް ނުދިނުމަށް އީރާނުން ވަނީ އެމެރިކާ އާއި ޔަހޫދީންނަށް އިންޒާރުދީފައެވެ.

އީރާނުގެ ރޫޙީ ވެރިޔާގެ ގޮތުގައި ޚާމަނާއީ މަސައްކަތްކުރައްވަން ފެށީ 1989ވަނަ އަހަރުއެވެ. އޭނާ އެ މަޤާމާ ޙަވާލުވެވަޑައިގަތީ 1979ވަނަ އަހަރުގެ އިންޤިލާބުގެ ދުވަސްވަރުގައި އީރާނުގެ ރޫޙީ ވެރިޔާގެ ގޮތުގައި ހުންނެވި އާޔަތުالله ރޫޙުالله ޚާމަނާއީއަށް ފަހުގައެވެ.

ޚާމަނާއީގެ ބަދަލުގައި އެ މަޤާމަށް އައްޔަނުކޮށްފައިވަނީ އެ މަނިކުފާނުގެ ދަރިކަލުން، މުޖުތަބާ ޙުސައިނީ ޚާމަނާއީއެވެ.

ނަމަވެސް، އެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އާންމުންނަށް މުޖުތަބާ އަދި ފެނިފައެއްނުވެއެވެ. އަދި ބައްޕާފުޅުގެ ޖަނާޒާގައި ވެސް މުޖުތަބާ ބައިވެރިވެވަޑައިގަންނަވާނެކަމަކަށް ނުބެލެވެއެވެ.