ދެހާސް ސައްބީސް ވަނަ އަހަރު ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލާ އަޑުތައް ގުގުމަމުން އެބަދެއެވެ. މި މުބާރާތުގައި ވާދަކުރާ ޤައުމުތަކަށް ސަޕޯޓުކުރާ މީހުން ދަނީ، މުބާރާތް ބާއްވާ ގިނަ ރަށްތަކެއްގެ ޢާންމު މައިދާންތަކާއި ކުޅިވަރު ދަނޑުތަކުގެ އެތެރޭގައި ވެސް ފަލަސްޠީނަށް ތާއީދުކޮށް އަޑުއުފުލަމުންނެވެ. މި ގޮތުން، އެކި ޤައުމުތަކަށް ސަޕޯޓުކުރާ އެތައް ހާސް ބަޔަކު ދަނޑުތަކާއި މައިދާންތަކުގައި ފަލަސްޠީނުގެ ދިދަ ވިހުރުވައިލައި، އެ ޤައުމަށް ފުރިހަމަ މިނިވަންކަން ދިނުމަށް ގޮވައިލާފައިވެއެވެ. މީގެ އިތުރުން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ރަޙުމުކުޑަ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލައި، ޔަހޫދީންނަށް "ރަތް ކާޑު ދެއްކުމަށް" ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު ކެންޕޭނަށް ވެސް ގިނަ ބަޔަކު ވަނީ ފާޅުގައި ތާއީދުކޮށްފައެވެ.
މުބާރާތުގެ އެކި މެޗުތަކުގައި މި ކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. އެމެރިކާގެ މައްޗަށް 3-2 އިން ތުރުކީވިލާތް ކުރިހޯދި ފޯރިގަދަ މެޗުގައި ސަޕޯޓުކުރާ މީހަކު ފަލަސްޠީނުގެ ދިދަ ވިހުރުވައިލިއިރު، ބްރެޒިލާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގެ ކުރިން މަޣުރިބުގެ ސަޕޯޓަރުން ވަނީ ނިއު ޔޯކްގައި ފަލަސްޠީނަށް ތާއީދުކޮށް އަޑުއުލާފައެވެ. މީގެ އިތުރުން، ލޮސް އެންޖެލީސްގައި ސްވިޓްޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޮސްނިޔާ އެންޑް ހަރޒެގޮވީނާއަށް ތާއީދުކުރާ މީހުން ފަލަސްޠީނުގެ ދިދަ ވިހުރުވައިލާފައިވާއިރު، ފަރަންސޭސިވިލާތް އަދި ބްރެޒިލަށް ތާއީދުކުރާ މީހުން ވެސް ވަނީ މެޗުތަކުގައި މި ފަދައިން ޢަމަލުކޮށްފައެވެ.
މި މުބާރާތުގައި ފަލަސްޠީނަށް ތާއީދުކޮށް އެންމެ އަޑުހަރުކޮށް އަޑުއުފުލާފައިވަނީ ތުރުކީވިލާތް، ސްޕެއިން، ސްކޮޓްލެންޑް، ބޮސްނިޔާ އެންޑް ހަރޒެގޮވީނާ، މަޣުރިބު، ސެނެގޯލް، އަލްޖީރިޔާ، މިޞްރު އަދި އީރާނަށް ސަޕޯޓުކުރާ މީހުންނެވެ. އެމެރިކާގެ ރައްޔިތުކަން އޮންނަ ފަލަސްޠީނަށް ސަޕޯޓުކުރާ މީހަކު ބުނީ، މުޅި ވަރލްޑް ކަޕުގައި ވެސް އެ މީހުން އުފާފާޅުކުރާނީ ފަލަސްޠީނަށް ޓަކައި ކަމުގައެވެ. އަދި ސިއޭޓްލްގައި މިޞްރާއި އީރާން ބައްދަލުކުރި މެޗުގެ ބޭރުގައި ވެސް، ސްޓެޗޫ އޮފް ލިބަރޓީގެ ހެދުން އަޅައިގެން ހުރި އަންހެނަކު ވަނީ ފަލަސްޠީނާއި ލުބްނާނަށް މިނިވަންކަން ދިނުމަށް ގޮވައިލާފައެވެ.
މި މުބާރާތަށް ފަލަސްޠީނާއި ޔަހޫދީން ވެސް ކޮލިފައިވެފައެއް ނުވެއެވެ. ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވީ، ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމުގެ ތެރެއިން ކުޅިވަރުކުޅޭ 1,000 އަށްވުރެ އެތުލީޓުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. މީގެ އިތުރުން، ކުޅިވަރު ކުޅޭ 300 އަށްވުރެ ގިނަ ތަންތައް ވަނީ ހަލާކުކޮށް، ސުންނާފަތި ކޮށްލާފައެވެ. މި ސަބަބުތަކަށް ޓަކައި، ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކުން ޔަހޫދީން ސަސްޕެންޑު ކުރުމަށް ގޮވައިލާ އަޑުތަކަށް ދުނިޔޭގެ އެކި ޤައުމުތަކުގެ އެތުލީޓުންނާއި ސަޕޯޓުކުރާ މީހުން ދަނީ ތާއީދުކުރަމުންނެވެ.