ފަސޭހައިން އޮސްޓްރޭލިޔާ ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ގަދަ 16 ޓީމްގެ ތެރެއިން ޖާގައެއް ޔަގީންކޮށް ސްޕެއިން އަނެއް ބުރަށް ދަތުރުކޮށްފިއެވެ. ގަދަ 32 ޓީމް ވާދަކުރާ ބުރުގެ މެޗު އޮސްޓްރޭލިޔާއާ ވާދަކޮށް ސްޕެއިން ކާމިޔާބުކުރީ 3-0 ނެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ދެހާފްގައި ކާމިޔާބުކޮށްދިނީ އޮޔާޒަބާލް އެވެ. އަދި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ޕެޑްރޯ ޕޮރޯ އެވެ. އޮޔާޒަބާލް ސްޕެއިންއަށް ކުރި ހޯދައިދިނީ 36 ވަނަ މިނިޓްގައެވެ. އަދި ސްޕެއިންގެ ތިންވަނަ ލަނޑު އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށެވެ. ދެ ލަނޑު ޖަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ކުރިއަށް އޮތް ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅެން ސޮއިކޮށްގެން ހުރި ޑިފެންޑަރ ކުކުރެލާ އެވެ. މެޗުގައި ކުކުރެލާ ލަނޑެއްވެސް ޖެހިއެވެ. އެކަމަކު ބަލައި ނުގަތެވެ. އެއީ ކޯނަރަކުން ހުރަސްވި ބޯޅަ ގޯލަށް ފޮނުވާލިއިރު ކީޕަރަށް ޕައު ކުބަރްސީ ފައުލްކޮށްފައި ވުމުންނެވެ. ސްޕެއިންގެ ދެވަނަ ލަނޑު ޕެޑްރޯ ޕޯރޯ ބޮލުން ޖެހީ ވައަތް ފަރާތުން އަލެކްސް ބައެނާ ނަގައިދިން ބޯޅަ ގޯލަށް ފޮނުވާލައިގެން 66 ވަނަ މިނިޓްގައެވެ. މެޗުގައި އޮޔާޒަބާލް ޖެހި ދެ ލަނޑާއެކު މިމުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ 4 އެވެ. ސްޕެއިން އިން މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް އޭނާއެވެ. އަދި ޕެޑްރޯ ޕޯރޯ މެޗުގައި ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ ފުރަތަމަ މިނިޓްގައި ޔަމާލް ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާއާއެކު މުޅި މެޗު ކޮންޓްރޯލް ކުރީ ސްޕެއިންއެވެ. އަދި މޮޅާއެކު ސްޕެއިން ނޮކްއައުޓްބުރު މިފަނަ އެޅީ ތިން ވަރލްޑްކަޕަށް ފަހުއެވެ. މިއީ 2010 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ފަހުން ނޮކްއައުޓް ބުރުގައި ހޯދި ފުރަތަމަ މޮޅެވެ.
މެޗުގެ ފުރަތަމަ އެގާރައަށް ސްޕެއިން ނެރުނު ޓީމްގައި ޓީނޭޖް ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ 18 އަހަރުގެ ޔަމާލް އާއި 19 އަހަރުގެ ޕައު ކުބަރްސީ އެވެ. މިއާއެކު ސްޕެއިން ވެފައިވަނީ 1958 ވަނަ އަހަރުގެ ފަހުން ވަރލްޑްކަޕް ނޮކްއައުޓް މެޗެއްގެ ފުރަތަމަ އެގާރައިގައި ޓީނޭޖް ދެ ކުޅުންތެރިން ހިމެނި ފުރަތަމަ ގައުމަށެވެ. 1958 ގައި ބްރެޒިލް އިން ޕެލޭއާއެކު ފުރަތަމަ އެގާރައިގައި ހިމެނީ ހޯސޭ އަލްތަފިނީ އެވެ. ގަދަ 16 ޓީމްގެ ބުރުގައި ސްޕެއިން ވާދަކުރާނީ ޕޯޗްގަލް ނުވަތަ ކްރޮއޭޝިޔާއާއެވެ. އެދެޓީމް ގަދަ 32 ޓީމް ބުރުގައި ރާއްޖެ ގަޑިން ފަތިހު 4 ޖަހާއިރު ވާދަކުރާނެއެވެ.