ޚަބަރު

ކ.އޮޅަހަލި ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ


ކ.އޮޅަހަލި ޕިކްނިކް އައިލެންޑްގެ ފަރަށް އެރި "ވީރު" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދިއުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ ގާތްގަނޑަކަށް 18:37 ހާއިރުކަމަށާއި އޭރު ދޯނީގައި ތިބީ 2 ދިވެހިންނާއި 2 ބިދޭސީންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއް އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި، އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބިފައިނުވާކަމަށެވެ. 

ފައިބަރުން ހަދާފައިވާ 75 ފޫޓްގެ މުދާ އުފުލާ މި ދޯންޏަކީ އޮޅަހަލި ޕިކްނިކް އައިލެންޑަށް ގެނައި ހިލަވެލި ބޭލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދޯންޏެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.