ވިޔަފާރި

ރ. ދުވާފަރުގައި ސެލްފް ސަރވިސް އޭ.ޓީ.އޭމް މެޝިނެއް ބަހައްޓައިފި


ބޭންކް އޮފް މޯލްޑިވްސްގެ ޙިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރ. ދުވާފަރުގައި ބީ.އެމް.އެލް ސެލްފް ސަރވިސް އޭ.ޓީ.އޭމް މެޝިނެއް ބަހައްޓައިފިއެވެ. މި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުއެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބީއެމްއެލުން މަޢުލޫމާތުދެއެވެ. ދުވާފަރުގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރެވިގެން މި ދިޔައީ ބީއެމްއެލްއިން ރާއްޖޭަގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންކަމަށް އެބޭންކުން ބުނެއެވެ.  

img:http://s3.psmnews.mv/images/660x400/14767130840821.jpg|ދުވާފަރުގައި އޭޓީއެމް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

ރ. ދުވާފަރުގެ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ މިޒަމާނުގެ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ދުވާފަރުގައި ތައާރަފްކުރެވިގެން ދިޔުމަކީ އެބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އެކިއެކި އަމިއްލަ ފަރުދުންނަށް މަންފާ ލިބެމުންދާކަން ހީލީ ފާހަގަކުރެއްވިއެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބޭންކު އޮފް މޯލްޑިވްސްއުން އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމާއި، 16 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ބޭންކިންގެ ޚިދުމަތް ދެމުންނެވެ.