ޚަބަރު

ޖަރުމަނާއި ކަޓުވާލި ޕެރަގުއާއިގެ ޓީމަށް އަލްފާރޯގެ ތައުރީފް


  • މިމެޗުން ޕެރަގުއާއީ މޮޅުވީ ޕެނަލްޓީ ޖަހައިގެން

  • ނާގެލްސްމަންބުނީ އޭނާ އަކީ ކަމުން ރެކެން ދުވާ ވައްތަރުގެ މީހެއް ނޫންކަމަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި ޖަރުމަނުވިލާތާއި ދެކޮޅަށް ޕެރަގުއާއީގެ ކުޅުންތެރިން ދެއްކި ހިތްވަރު ގަދަ ކުޅުމަށް އެޓީމުގެ ކޯޗު ގުސްޓާވޯ އަލްފާރޯ ތައުރީފް ކޮށްފިއެވެ.

ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ޖަރުމަނު ޓީމާއި ބައްދަލުކުރި މެޗު ޕެރަގުއާއީ އިން ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން 4 ލަނޑު 3 ލަނޑުންނެވެ.

ޖަރުމަނާއި ބައްދަލުކުރި މެޗަށްފަހު ވާހަކަ ދައްކަމުން އަލްފާރޯ ބުނީ މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައިވާ އެއް ޓީމާއި ދެކޮޅަށް އޭނާގެ ކުޅުންތެރިންގެ ހިތްވަރު ގަދަ އަދި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ދޫނުދީ ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.

އަލްފާރޯ ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ސެލިއުޓް ކުރާކަމަށެވެ.

ޕެރަގުއާއީގެ ކޯޗު ބުނީ އޭނާ އެންމެ ފުރަތަމަ ދުވަހުވެސް ކުޅުންތެރިން ކައިރީ ބުނި އެންމެ މުހިންމު އެއް ވާހަކަ އަކީ އެކުޅުންތެރިންގެ ވިސްނުމާއި ފިކުރު ވަރުގަދަ ކުރަން ޖެހޭނެކަމެވެ. އަދި އެކަން އެގޮތަށް ކޮށްފައިނެތްނަމަ ޖަރުމަނު ކަހަލަ ވަރުގަދަ ޓީމެއް ކައިރިން މޮޅު ނުވެވުނީސް ކަމަށެވެ.

އަލްފާރޯ ބުނީ ޖަރުމަނު ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެޓީމަށް ޕެރަގުއާއީ ފަސޭހަ ކަމާއެކު ބަލިކުރެވޭނެކަމަށް އޭނާ ގަބޫލް ކުރާކަމަށެވެ. ނަމަވެސް މިމެޗުގައި ޖަރުމަނަށް އެހެން ނުހެދުނީ ޕެރަގުއާއީގެ ކުޅުންތެރިން ދެއްކި ހިތްވަރު ގަދަ ކުޅުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މިކާމިޔާބީ ޕެރަގުއާއީގެ ރައްޔިތުންނަށް ހަދިޔާ ކުރާކަމަށްވެސް އޭނާ ބުންޏެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުވިލާތުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ބުނީ ޕެރަގުއާއީ އަތުން ބަލިވެ ވޯލްޑް ކަޕަށް 32 ޓީމުގެ ބުރުން އަލްވަދާއު ކިޔަން ޖެހުނު ކަމުގައިވީނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ނުވިސްނާކަަމަށެވެ.

ނާގެލްސްމަންބުނީ އޭނާ އަކީ ކަމުން ރެކެން ދުވާ ވައްތަރުގެ މީހެއް ނޫންކަމަށެވެ. އަދި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި މީގެކުރިންވެސް ރަނގަޅު ކުޅުމެއް ދެއްކުމާއެކުވެސް މެޗުތަކުން ބަލިވެފައި އެބަހުރި ކަމަށެވެ. އަދި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ މަގާމުގައި ހުންނަން ބޭނުންވާނަމަ އޭނާ މަގާމުގައި ދެމި ހުންނާނެ ކަމަށާއި އަދި ފެޑެރޭޝަނުން ބޭޏުން ނޫންނަމަ އެފަރާތުން އެކަން ހާމަކުރުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ އެމަގާމުގައި ދެމި ހުރުމަށް ދެކޮޅު ހަދާނެ ފަރާތްތައްވެސް އުޅޭނެކަމަށް އޭނާ ހާމަކުރިއެވެ.

އުމުރުން 38 އަހަރުގެ ނާގެލްސްމަން ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފީފާ ވޯލްޑް ކަޕްގެ ނޮކް އައުޓް މަރުހަލާގައި ކޯޗު ކޮށްދިން އެންމެ ޒުވާން ކޯޗަށެވެ. އަދި އޭނާ ވެގެންދިޔައީ 2014 ވަނަ އަހަރަސް ފަހު ގްރޫޕް މަރުހަލާ ފަހަނަ އަޅާ ޖަރުމަނު ޓީމެއް ގެންގޮސްދިންވެސް ފުރަތަމަ ކޯޗަށެވެ.