އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަކީލްއަށް ރުހުންދޭ ފެންނަ ކަމަށް 51 މެމްބަރުން، ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. މިހާރު މަޖިލީހުގައި މެމްބަރުން ތިބި އަދަދަށް ބަލާލާއިރު، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ރުހުން ދިނުމަށް ފާސްކުރުމަށް ބޭނުންވަނީ 30 މެމްބަރުންގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ ކޮމިޝަންގެ ރައީސްގެ މަޤާމުވަނީ ހުސްވެފައެވެ. އީސީގެ ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ، ކޮމިޝަނަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.
މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރެއްވީ، މި މަހުގެ 24ވަނަ ދުވަހުއެވެ. މިއާއެކު ކޮމިޝަނުގައި 5 މެންބަރުން ހަމަވުމުން ކޮމިޝަންގެ ރައީސް ކަމަށް ޝަކީލް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެއެވެ.
މީގެކުރިން 03 ޑިސެންބަރު 2014 އިން ފެށިގެން 09 މެއި 2018 އާ ހަމައަށް ޝަކީލް ވަނީ އެ ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާފައެވެ. އޭގެކުރިން 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ. އޭނާ އެންމެފަހުން ހުންނެވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ.