ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑީވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތުގައި 90 ކުދިން ބައިވެރިވިއެވެ. އެއީ 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިންނެވެ.
މުބާރާތް ކުރިއަށް ގެންދިޔައީ ދެ ޢުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން މައްޗާއި 12 އަހަރުން ދަށެވެ. މި މުބާރާތުގައި 50މ ދުވުން، 80މ ދުވުން، 100މ ދުވުން، 200މ ދުވުން އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ހިމެނެއެވެ.
މިއީ އެސް-އޯ މޯލްޑިވްސް އިން އެތުލެޓިކްސް މުބާރާތް ބާވާ ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑީވްސް ވަނީ މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް ވަނީ "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އަށް ބަދަލު ކޮށްފައެވެ.
"ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެއަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑީވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ. އެހެންވެ މިއަހަރުން ފެށިގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ، މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގަ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން، މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލެ އައުމާ ހުރިމާ ކެއުމާ އެހެނިހެން ޚަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީއިބްރާހީމް ރަމީޒު/ ޗެއަރޕަސަން
ނިމުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މެޑަލް ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރ ފާޠިމަތު މުޙައްމަދު އެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް މުސްޠަފާ މުޙާއްމަދާއި އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެޑިރެކްޓަރ އަދީލާ ރުސްދީ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.