ވިޔަފާރި

މިފްކޯ ހިންގަނީ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި- އެސްޓީއޯ


މިފްކޯ ހިންގާނީ އެލައިޑް އިންޝުއަރެންސް ހިއްސާ ވާގޮތަށް ވަކި ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައިކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ. 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވީ ދިވެހިރާއްޖޭގެ ކުންފުނިތަކާބެހޭ ޤާނޫނު 10/96 ގެ ދަށުން މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ހެދުމަށް އެކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށެވެ. އެގޮތުން މިފްކޯއަކީ އެސްޓީއޯގެ 99.99 އިންސައްތަ ޙިއްޞާ އާއި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ 0.01 އިންސައްތަ ޙިއްޞާވާ ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. 

މިބަދަލާ ގުޅިގެން، މިފްކޯގެ ވިޔަފާރި ޙިއްޞާ ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައެވެ. މިފްކޯއަކީ މަސް ގަތުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓްކޮށް، މަހުން އެކިއެކި އިތުރު ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފައްދާ ކުންފުންޏެކެވެ. މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ވަކި ޤާނޫނީ ޝަޚުޞެއް ކަމަށާއި އަދި މިކުންފުނި އެސްޓީއޯގެ ދަށަށް ގެނެވިފައިވަނީ މިފްކޯގެ ނެގެޓިވް ނެޓް އެސެޓްސް ބެލެންސްކުރުމަށްފަހުގައި ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.  

މިފްކޯއަކީ ކުރިންވެސް އެސްޓީއޯގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އޮތް އޮޕަރޭޝަނަކަށްވެފައި، މިފްކޯ އަލުން އެސްޓީއޯގެ ދަށަށް ގެނެވުމަކީ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީޒް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް އެސްޓީއޯއިން ދެކޭ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިފްކޯގެ ސަބަބުން އެސްޓީއޯ ގްރޫޕަށް ތެލުގެ ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އަދި ހަމަ މިއާއެކު މި ވިޔަފާރިން އެސްޓީއޯ ގްރޫޕަށް ބޭރުފައިސާ ހޯދުމަށް އެހީއަކަށްވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.