ތަޢުލީމު

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ


ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ސެކަންޑްރީ ބައިން އަޝްހާ އަލީ ވަހީދު އަދި ހަޔަރ ސެކަންޑްރީ ބައިން އިޒްހަތު ޝަމީމް ހޮވިއްޖެއެވެ.

މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އަޝްހާ އާއި އިޒްހަތު އަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢުއެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަޝްހާ އަލީ ވަހީދު ވަނީ މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ޤައުމީ ގަދަ 10 ގެ 2 ވަނަ ހޯދާފައެވެ. އަދި ހަޔަރ ސެކަންޑްރީ ބައިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިޒްހަތު ޝަމީމް ވަނީ މިއަހަރު ބޭއްވި އޭލެވެލް އިމްތިޙާންގައި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު ވަނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެ ސްކޫލުގައި އެއަތޮޅުގެ އެހެން ރަށްތަކުގެ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ހާސިލްކުރަމުންދާކަމަކީ، ސްކޫލްގެ ކާމިޔާބީ އާއި ސްކޫލާއި މެދު އޮންނަ އިތުބާރު ދައްކައިދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. ޝަފީޢު ވިދާޅުވީ މިކަންކަން ދެމެހެއްޓުމަށްޓަކައި ސްކޫލްގައި ޒަމާނީ އައު ކަންތައްތަކެއް ތަޢާރަފްކުރަން ޖެހޭކަމުގައެވެ.

 ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ވޭތުވެދިޔަ އަހަރު ފާހަގަކުރޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.