ދިވެހި ޕްރެމިއަރ ލީގު ކޮލިފިކޭޝަންގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފަހު މެޗުން، ލީގުގެ ޖާގައެއް ނުލިބޭނެކަން ކަށަވަރުވެފައިވާ ކ.ހުރާ ޓީމު ކޮޅަށް 7 ލަނޑު ޖަހާ، ރަނގަޅު ނަޖީތާ އަކާއެކު ކޮލިފިކޭޝަން ބުރު ނިންމާލައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު، ޓީސީން ކާމިޔާބުކޮށްފައިވަނީ 2-7 ގެ ނަތީޖާއިންނެވެ.
މެޗު ފެށުނު ހިސާބުންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޓީސީންނެވެ. އެގޮތުން، ޓީސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ހުރާގެ އަޙްމަދު ބައްސާމް. ޕެނަލްޓީ އޭރިއާ ތެރެއިން ޢަބްދުލް ވާޙިދު އިބްރާހީމަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓީސީގެ ކެޕްޓަން ބޭންޑު އަޅައިގެން މެޗު ފެށި އަޙްމަދު ރިޟްވާނެވެ. އޭނާ ވަނީ މި މެޗަށްފަހު ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލާފައެވެ.
ޓީސީގެ ދެވަނަ ގޯލު، މެޗުގެ 16 ވަނަ މިނެޓުގައި ބޯޑޫ ޕްރިންސް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ގޯލަކީ ހުރާގެ މުޙައްމަދު އާކިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
އެޓީމުގެ ހަތަރުވަނަ ގޯލު، އައިހަމް ޙަމްދޫން ކާމިޔާބުކޮށްދިން އިރު، ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ޙުސައިން އަހުޝަމް މޫސާއެވެ. ޓިސީގެ ހަވަނަ ގޯލަކީ އެޓީމުގެ އެންމެ ފަހަތުން ފެށިގެން ގިނަ ކުޅުންތެރިންތަކެއްގެ ހިއްސާއާއެކު ޖެހި ރީތި ޓީމް ގޯލެކެވެ. މި ގޯލު ނިންމާލާފައިވަނީ ބޯޑޫ ޕްރިންސްއެވެ. އަދި އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު ޔޫހާން ފާއިޒްއެވެ.
ހުރާގެ ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ގޯލު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވަނީ ފްރާންސިސް އެވެ. މީގެ ކުރިންވެސް ހުރާއަށް ޕެނަލްޓީއެއް ލިބުން ނަމަވެސް ޓީސީގެ ކީޕަރު ވަނީ ސަޢުދު ޢަބްދުލް ޢަޒީޒް ފޮނުވާލި ބޯޅަ މަތަކޮށްފައެވެ.
ހުރާގެ ދެވަނަ ގޯލު، މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު ފަވާޒްއެވެ. އެއީ އޭނާ އޭރިއާ ތެރެއަށް ހުރަހެއް ނަގައިދޭން ފޮނުވާލި ކަހަލަ ގޮތަކަށް ދިޔަ ބޯޅައެއް ނަމަވެސް ބޯޅަ އަމާޒުވީ ގޯލު ތެރެއަށެވެ.
މި ނަތީޖާއާއެކު ކޮލިފިކޭޝަންގައި ޓީސީ އަދި ހުރާގެ މެޗުތައް ނިމިފައިވާއިރު، 5 މެޗުން ޓީސީއަށް ވަނީ 10 ޕޮއިންޓު ލިބިފައެވެ. އަދި ހުރާއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ކޮލިފިކޭޝަންގައި ބާކީ އޮތީ މިރޭ 2100 ގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ގދ.ގައްދޫ ބައްދަލުކުރާ މެޗުގެ އިތުރުން މާދަމާ ރޭ 2100 ގައި ހއ.ދިއްދޫ އާއި ބިސްބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.