އުތުރު އަދި މެދުތެރޭ އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ގިނަ ޓީމު ތަކުގެ މެދުގައި މާބޮޑު ތަފާތެއް ނެތް ކަމަށް ކޮލޮމްބިއާގެ ކޯޗު ނެސްޓަރ ލޮރެންޒޯ ފާހަގަ ކޮށްފިއެވެ.
ކޮލޮމްބިއާގެ ކޯޗު މިކަން ފާހަގަ ކޮށްފައިވަނީ ގްރޫޕް ކޭގައި ކޮންގޯ އާއި ބައްދަލުކޮށް މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ލޮރެންޒޯ ބުނީ އެންމެންނަށްވެސް ފެނުނު ހެން މިމެޗު ދިޔައި ވަރަށް ހަމަހަމަ ކޮށް ކަމަށެވެ. އަދި މިހާ އެެއްވަރު ކޮށްދާ މެޗުތައް ކާމިޔާބު ކުރުމަށް ކުރެވޭ މަސައްކަތް ގިނަ ވެގެންދާ ކަމަށާއި މޮޅުވުން ނޫން އެހެން ކަމަކަށް ނުވިސްނޭ ކަމަށެވެ.
މިމެޗުގައި ނަތީޖާ ބަދަލު ކުރާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ކަމަށާއި ނަސީބަކުން މިމެޗުގައި ކޮލޮމްބިއާއަށް ތިން ޕޮއިންޓް ލިބިގެން ދިޔައީކަމަށެވެ. އަދި މިއީ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މޮޅު މެޗެއް ކަމަށެވެ.
މީގެއިތުރުން ލޮރެންޒޯވަނީ އޭނާގެ ޓީމަށް ލިބެމުންދާ ފުރިހަމަ ތަރުހީބަށްޓަކައި އެޓީމުގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ލޮރެންޒޯ ބުނީ ކޮލޮމްބިއާގެ ސަޕޯޓަރުން މެޗުތަކުގައި ތަރުހީބު ދެމުންދާ ގޮތް ފާހަގަ ކޮށްލަން ޖެހޭ ކަމަށާއި އަދި އެސަޕޯޓަރުން އަންނަނީ ޓީމު ދާ ހުރިހާ ތާކަށް ފަހަތުން ދަތުރު ކުރަމުން ކަމަށެވެ.
ކޮންގޯގެ ކޯޗު ސެބަސްޓިއަން ޑެސަބްރޭ ބުނީ މިމެޗު ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. އަދި ކޮލޮމްބިއާ ފެނިގެންދިޔައީ ހުރިހާ ގޮތަކުންވެސް ކޮންގޯއަށް ވުރެ ވަރުގަދަ ކޮށް ކަމަށް އޭނާ ފާހަގަ ކުރިއެވެ.
މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ފާޑު ކިޔާނެ އެއްވެސް ތަނެއް ނެތް ކަމަށާއި މުޅި މެޗުގައިވެސް އެކުޅުންތެރިން ފެނިގެންދިޔައީ ހިތްވަރާއެކު މެޗުން މޮޅު ވުމަށް މަސައްކަތް ކުރަމުން ދިޔަ ތަން ކަމަށެވެ. ދެން އޮތީ މިމެޗުން ރިކަވަރވެ ކުރިއަށް އޮތް މެޗަށް ފުރިހަމައަށް ތައްޔާރު ވެވޭތޯ ބެލުން ކަމަށެވެ. އެމެޗު ކޮންގޯއަށް ވަރަށް މުހިންމު ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.