ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން، ގެދޮރު ގެއްލުވައިލާފައިވާ 1.7 މިލިޔަނަށްވުރެ ގިނަ މީހުން ތަހައްމަލު ކުރަމުން ދަނީ ވަރަ ނުރައްކާތެރި އަދި ނިކަމެތި ޙާލަތެއް ކަމުގައި ބުނެ، އެކުވެރި ދައުލަތްތަކުން (އދ) އިންޒާރުދީފިއެވެ. އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް %80 މީހުން ދިރިއުޅެމުން ދަނީ 1,600 އެއްހާ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގައި ކަމުގައެވެ. އަދި، ސާފު ބޯފެނާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުން އެ މީހުން މަޙްރޫމުވެފައިވާ ކަމުގައެވެ.
އދގެ އިންސާނީ އެހީއާބެހޭ އޮފީހާ ޙަވާލާދީ ދުޖަރީކް ވިދާޅުވީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލާފައި ނެތުމުން، ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަދިވެސް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. މީގެއިތުރުން، އދގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) 'ޔޫތު ޗެމްޕިއަން' އެއްގެ ގޮތުގައި ކަނޑައަޅާފައިވާ 17 އަހަރުގެ އަންހެން ކުއްޖަކު އިމްތިޙާނެއްގައި ބައިވެރުމަށް ދަނިކޮށް ދާދިފަހުން ޝަހީދުކޮށްލާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ދުޖަރީކް ވިދާޅުވީ، ޢާންމުންނާއި ކުޑަކުދިންގެ ރައްކާތެރިކަން އަބަދު ވެސް ކަށަވަރު ކޮށްދޭން ޖެހޭނެ ކަމުގައެވެ.
ޣައްޒާގެ ރައްޔިތުން ތަަހައްމަލު ކުރަމުންދާ ޙާލަތާ ގުޅޭ ގޮތުން އެންމެ ފަހުން ޢާންމުކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި، އެ ސަހަރުގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގެ ތެރެއިން 59,000 އެއްހާ ތަނެއްގައި، ކޮންމެ ކޮޓަރިއެއް ނުވަތަ ފޭލިގެއެއްގައި އަށަކަށްވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އަދި، 38,500 މީހުން ހާމަ މައިދާންތަކާއި މަގުތަކުގެ މަތީގައި ނިދަމުންދާ ކަމަށާއި، ސާފު ބޯފެން ލިބޭނެ ގޮތެއް ނެތް މީހުންގެ އަދަދު 600,000 އަށް އުފުލިފައިވާ ކަމުގައެވެ. ގިނަ ސަރަޙައްދުތަކުގެ ނަރުދަމާ ނިޒާމު ފުނޑުފުނޑުވެ، މަގުތަކަށް ނަޖިސް ފެން ބޭރުވަމުންދާ ކަމަށާއި، ގިނަ ސަރަޙައްދުތަކެއްގައި މީދާ ފަދަ ބަލިފަތުރާ ޖަނަވާރުގެ އުނދަގޫ ބޮޑުވެ، ބައެއް ސަރަޙައްދުތައް ކުނިބުނިން ފުރިފައިވާ ކަމުގައި ވެސް އެންމެ ފަހުގެ ރިޕޯޓުތަކުން ހާމަވެއެވެ. މީގެ އިތުރުން، 250,000 އެއްހާ މީހުން ދިރިއުޅޭ 250 ސަރަޙައްދަކުން ގޮވާތަކެތި ފެނިފައިވާ ކަމުގައި ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
2025 އޮކްޓޫބަރު 10 ގައި ޔަހޫދީންގެ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި އޮތް ނަމަވެސް، އޭގެ ފަހުން ޞަހްޔޫނީންގެ ލަޝްކަރުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި މަދުވެގެން 1,027 މީހުން ޝަހީދުކޮށްލައި، އިތުރު 3,280 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. ދެ އަހަރަށް ދެމިގެންދިޔަ ޣައްޒާ ޤަތުލުޢާންމުގައި ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޒަޚަމުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 173,000 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ %90 ސުންނާފަތިކޮށްލާފައިވާއިރު، އެ ތަންތަން އަލުން ބިނާކުރުމަށް ގާތްގަނޑަކަށް 70 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އދއިން އަންދާޒާކުރެއެވެ.