ޚަބަރު

އެމެރިކާގެ ސެނެޓުން ވެސް ފާސްކުރީ ޓްރަމްޕުގެ ހަނގުރާމަ ހުއްޓުވަން


އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް ކަމުގައިވާ ކޮންގްރެސްގެ މަތިގެ، ސެނެޓުން ވެސް ޤަރާރެއް ފާސްކޮށްފިއެވެ. މިއީ، ޓްރަމްޕްގެ އަސްކަރީ ސިޔާސަތުތަކާ ދެކޮޅަށް ކޮންގްރެސުން ދިން ވަރުގަދަ ރައްދެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. ސެނެޓުގައި ނެގި ވޯޓުގައި 50 މެންބަރުން ޤަރާރަށް ތާޢީދުކޮށްފައިވާއިރު، ޤަރާރާ ދެކޮޅަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. މި މަހުގެ ކުރީކޮޅު، ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވެސް ވަނީ މި ޤަރާރު ފާސްކޮށްފައެވެ. ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ގައެވެ.

މިއީ، 1973 ވަނަ އަހަރުގެ "ވޯ ޕަވަރސް އެކްޓް" ނުވަތަ ހަނގުރާމައިގެ ބާރުތަކާ ގުޅޭ ޤާނޫނު ފާސްކުރި ފަހުން، މަޖިލީހުގެ ދެ ގެއިން މި ފަދަ ޤަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ. މި ވޯޓަކީ ސަރުކާރުން ހަނގުރާމައިގެ ޚަރަދުތައް ފޫބެއްދުމަށް އެތައް ބިލިޔަން ޑޮލަރެއް ބޭނުންވާ ދަނޑިވަޅެއްގައި ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއެކެވެ. ނޮވެންބަރުގައި ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބާ ދިމާކޮށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ ޓްރަމްޕާ ދެކޮޅުވެފައެވެ. އަދި ބައެއް މެންބަރުން ވަނީ، ސިޔާސީ އެކުވެރިންނަށް ބަދަލު ނަގައިދިނުމުގެ ނަމުގައި ޓްރަމްޕް އެކުލަވައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ 1.8 ބިލިޔަން ޑޮލަރުގެ ފަންޑާ ގުޅޭ ބިލާއި، ޤަވާޢިދާ ޚިލާފަށް އެމެރިކާއަށް އެތެރެވެފައިވާ ކަމުގައި ޓްރަމްޕްގެ ސަރުކާރުން ދެކޭ މީހުންނާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ބޭނުންވާ 70 ބިލިޔަން ޑޮލަރުގެ ބިލަކަށް ހުރަސް އަޅުއްވާފައެވެ.

ރޮއިޓަރސް އަދި އިޕްސޮސްއިން ދާދިފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ ހަނގުރާމައަށް ތާޢީދުކުރަނީ އެމެރިކާގެ ހަތަރުބައިކުޅަ އެއްބައި ރައްޔިތުންނެވެ. ސެނެޓުން ހަނގުރާމަ ހުއްޓުވުމާ ބެހޭ ޤަރާރު ފާސްކުރުމާއެކު، ޓްރަމްޕް ވަނީ މީސްމީޑިއާގައި މި ޤަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިއީ އެއްވެސް މާނައެއް ނެތް ނިންމުމެއް ކަމުގައެވެ. ވައިޓް ހައުސްއިން ބުނީ، އެޕްރީލު 7 ގައި ޙަމަލާތައް މެދުކަނޑައިލުމާއެކު، މެދުއިރުމަތީގެ ހަނގުރާމަ ވެސް ނިމުމަކަށް އައިސްފައިވާ ކަމުގައެވެ. އަދި، މި ޤަރާރުގެ އެއްވެސް ޤާނޫނީ ބާރެއް ނެތް ކަމުގައި ވެސް ވައިޓް ހައުސްއިން ދަޢުވާކުރެއެވެ. ޓްރަމްޕްގެ ސަރުކާރުން މިހާރު ދަނީ އީރާނާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޤާނޫނުއަސާސީން ހަނގުރާމަ އިޢުލާނުކުރުމުގެ ބާރު ދީފައި އޮންނަނީ ކޮންގްރެސްއަށެވެ. ސެނެޓުގައި ނެގި ވޯޓުގައި އީރާން ހަނގުރާމަ ހުއްޓުވުމާ ގުޅޭ ޤަރާރަށް ތާޢީދުކުރައްވާފައިވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރޭގައި ސޫޒަން ކޮލިންސް، ރޭންޑް ޕޯލް، ބިލް ކެސިޑީ އަދި ލީސާ މުރްކޮވްސްކީ ހިމެނިވަޑައިގަންނަވައެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ޖޯން ފެޓަރމަން ވޯޓު ދެއްވާފައި ވަނީ ޤަރާރާ ދެކޮޅަށެވެ. ހައުސްގައި ނެގި ވޯޓުގައި 215 މެންބަރުން ޤަރާރަށް ތާޢީދުކޮށްފައިވާއިރު، ދެކޮޅު ހައްދަވާފައި ވަނީ 208 މެންބަރުންނެވެ. ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލާ ސުލްޙައިގެ އެއްބަސްވުމާ މެދު ކޮންގްރެސުން ކުރިއަށް އޮތް ތަނުގައި ގޮތެއް ނިންމުމަށް ވޯޓަށް އަހާނެ ކަމުގައެވެ.