ޚަބަރު

"ވޯލްޑް ކަޕްގައި ކުރިއަށްދާން އުރުދުންގެ މައްޗަށް ލިބުނު ކާމިޔާބީ މުހިންމު"


  • އަލްޖީރިއާއިން މިމެޗު ކާމިޔާބު ކުރީ 2 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާން ބަލާއިރު އުރުދުންގެ މައްޗަށް ހޯދުނު ކާމިޔާބީ ވަރަށް މުހިންމު ކަމުގައި އަލްޖީރިއާގެ ކޯޗު ވްލަޑްމިއަރ ޕެޓްކޮވިޗް ހާމަކޮށްފިއެވެ.

ވޯލްޑް ކަޕް ގްރޫޕް ޖޭގައި އަލްޖީރިއާ އާއި އުރުދުން ބައްދަލުކުރި މެޗު އަލްޖީރިއާއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުންނެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން ޕެޓްކޮވިޗް ބުނީ މިމެޗު ަލްޖީރިއާއިން ފެށީ ވަރަސް ރަނގަޅަށް ކަމަށާއި ނަމަވެސް ހެދުނު ގޯހެއްގެ ފައިދާ އިދިކޮޅު ޓީމުން ނަގާ މެޗުގެ ލީޑު ނެގީކަމަށެވެ. އަދި މިމުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ކުރާ މަސައްކަތުގައި މިމެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށެވެ.

މިކާމިޔާބީ އާއެކު މިވަގުތު އޭނާގެ ޓީމަށް އަދި ފުރުސަތު ނުގެއްލޭ ކަމަަށް ޕެޓްކޮވިޗް ހާމަކުރިއެވެ. އަދި މިމެޗުގެ ދެވަނަ ހާފުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން އޭނާ ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އުރުދުންގެ ކޯޗު ޖަމާލް ސެލާމީ ބުނީ މެޗުން ބަލިވެ ހުރިހާ ކުޅުންތެރިން މާޔޫސްވެފައިތިއްބާ އުރުދުންގެ ވަލީއަހުދު ޗެންޖިންގ ރޫމަށް ވަޑައިގެން ކުޅުންތެރިންނަށް ދެއްކި ހިތްވަރު ގަދަ ކުޅުމަށް މަރްހަބާ ވިދާޅުވުން ވެގެންދިޔައީ ޓީމަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ހިތްވަރެއް ލިބިގެންދިޔަ ކަމަކަށެވެ. އަދިކުރިއަށް އޮތް މެޗަށް ޓީމަށް އިތުރު ހިތްވަރެއްވެސް ލިބިގެންދިޔަކަން ކޯޗު ސެލާމީ ފާހަގަ ކުރިއެވެ.