ވިޔަފާރި

"ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ ބޭރު ޤައުމުތަކުން ބަލައިގަނޭ"


ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބޭރުގެ ގައުމަތަކާއި އޮންނަ ގުޅުން ބަދަހިކޮށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. 

ސަރުކާރުގެ އިޤްތިސާދީ އެޖެންޑާ އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ އުރީދޫ މޯލްޑިވްސް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާވިއްކުމަށް ނިންމައި، ހުޅުމާލޭގައި އެންމެ ޒަމާނީ ސްޓޭޑިއަމެއް ޤާއިމްކުރުމަށް ނިންމުމަކީ ރައީސް ޔާމިންގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތައް ބަލައިގަންނަކަމުގެ މިސާލެއްކަމަށެވެ. އަދި މި ސަރުކާރުން އިޤްތިސާދީ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދަނީ އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމަށް ހުރަސްނޭޅޭ ގޮތަށްކަމަށާއި، މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންނަން އޮތް ޖީލަށް ވިސްނައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒަކީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް މިހާރު ޖެހޭ އަދަދު ދެގުނައަށް އިތުރުކުރަން ކަމަށާއި، ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެގޮތަށް ވިސްނައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/6368.jpg|އިިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ބޭރު ދުނިޔެއަށް ދައްކަން ބޭނުންވަނީ ރާއްޖެއަކީ ހަމައެކަނި "ދި ސަނީ ސައިޑް އޮފް ލައިފް" ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ އިތުރު އެހެނިހެން ދާއިރާތަކުން އިންވެސްޓްކޮށްގެން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ބޮޑަށް ބައްލަވާނީ އިގްތިސާދީ ކަންކަމަށް ކަމަށާއި، އަދި އިގްތިސާދު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނީ ޒުވާނުންނާ އެކުގައި ކަމަށާއި، ސިޔާސީ ކަންކަން ގެންނާނީ އެއަށްފަހުކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.