ތިމާވެށި

ރައްކާތެރިގޮތުގައި ކުނި ނައްތާލުމާ ގުޅޭ ކެމްޕެއިނެއް ފަށަނީ


ރާއްޖޭގައި ކުނި އުފައްދާ ގޮތްތަކާއި މިންވަރަށް ބަލާއިރު، އެންމެ އާބާދީބޮޑު މާލޭ ސިޓީގައި އެވެރެޖްކޮށް ބޮލަކަށް ދުވާލަކަށް 1.7 ކިލޯގްރާމް، އަތޮޅުތަކުގައި ބޮލަކަށް ދުވާލަކަށް 0.8 ކިލޯގްރާމް އަދި ޓޫރިސްޓް ރިސޯޓްތަކުގައި ބޮލަކަށް ދުވާލަކަށް 3.5 ކިލޯގްރާމް ކުނި އުފައްދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ. މިއީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އެވެރެޖްކޮށް ކުނި އުފައްދާ ނިސްބަތާއި ގާތްކުރާ މިންވަރެކެވެ. 

ނަމަވެސް ރާއްޖެއަކީ އެޤައުމުތަކާއި އަޅާބަލާއިރު، ބޮޑެތި ސިނާޢީ މަސައްކަތްތަކެއް ކުރާ ޤައުމަކަށްނުވެފައި، އެއްދުވަހުން އަނެއްދުވަހަށް ކުނި އުފައްދަމުންދާ މިންވަރު ރާއްޖޭގައި އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ. އެގޮތުން ރާއްޖޭގައި އަހަރެއްގެ މައްޗަށް 4 އިންސައްތައިގެ މިންވަރެއްގައި ކުނި އުފައްދާ މިންވަރު އިތުރުވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އެމިނިސްޓްރީން ވިދާޅުވަނީ ރާއްޖޭގައިވެސް "ނަން ބަޔޯޑީގްރޭޑަބަލް ވޭސްޓް" ނުވަތަ އަމިއްލައަށް ފަނާނުވާ ޒާތުގެ ކުނި އުފެދޭ މިންވަރު އެތައްގުނައެއް އިތުރުވުމާއި، ރާއްޖޭއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި، ބިދޭސީންގެ ނިސްބަތް އިތުރުވުމުގެ އިތުރުން، ރާއްޖޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވުމެވެ.

img:http://s2.psmnews.mv/images/660x400/14732396674817.jpg|ފޮނަދޫ / މިރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުން ބަޔަކާ ވަނީ ހަވާލުކޮށްފައި

މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިންވެސް ފާހަގަކުރާގޮތުގައި، ރާއްކާތެރިގޮތުގައި ކުނިމެނޭޖްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާއްމުން އެކަމަށް ހޭލުންތެރިވެފައި ނެތުމެވެ. އަދި ޒަމާނުއްސުރެ މާލޭގައި ކުނި އުކާލުމުގައި ބޭނުންކުރަމުންދިޔަ ސިސްޓަމަކީ އެންމެ އެކަށީގެންވާގޮތުގައި ރެގިއުލޭޓްކުރެވިފައި ނެތް ސިސްޓަމެއްކަމަށް ވެމްކޯއިން ބުނެއެވެ.

"މާލޭގައި ކުނި އުކާލުމުގައި ޒަމާނުއްސުރެއް ޕްރެކްޓިސް ކުރަމުންދިޔަ އުސޫލަކީ އެއްވެސް ހާލެއްގައި ރެގިއުލޭޓް ކުރެވިފައިއޮތް އުސޫލެއް ނޫން. މިއީ ސަޤާފަތެއްގެ ތެރެއިން އަޅުގަނޑުމެންނަށް ފަސޭހަގޮތަކަށް އެކަން ކުރަންވެގެން ޚާއްސަކޮށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ހުޅުވާލަދިން މަސައްކަތުގެ މާޙައުލެއް. ވެމްކޯއިން މި މަސައްކަތް ކުރަނީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް" ފުއާދު ވިދާޅުވިއެވެ. 

ދެމެހެއްޓެނެވި ނިޒާމެއްގެ ދަށުން މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މާލޭގައި ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ރަސްމީކޮށް ފެށުންކަމަށެވެ.

img:http://s1.psmnews.mv/images/660x400/14711687629265.jpg|ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފުއާދު / ފޮޓޯ: ވެމްކޯ

"މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެން މިހާރު ވަމުންމިދަނީ. ވެހިކަލްތައް ހޯދުން މިއީ އޭގެ އެއް ކޮމްޕޯނަންޓް. އަޅުގަނޑުމެން ބޭނުންވާ ރިސޯސްތައް އެބަ ބިލްޑްކުރަން. އިންސާނީ ވަސީލަތްތައް އެބަހޯދަން. އެހެން ޤައުމުތަކުގައި މިކަން ކުރާގޮތްތައް ބަލާ ދެނެގަނެ، އެކަމަށް ބޭނުންވާ ރޯޑްޕެޕްތައް ހެދުމުގެ މަސައްކަތް ކުރަމުން މިދަނީ" ފުއާދު ވިދާޅުވިއެވެ. 

ކުނި އުފައްދާ މިންވަރު މަދުކުރެވޭނީ އާއްމުން އެކަމަށް ހޭލުންތެރިކުރުވައިގެންކަން ފާހަގަކުރައްވަމުން ފުޢާދު ވިދާޅުވީ، "ސާފު ރާއްޖެ" އިނީޝިއޭޓިވްގެ ދަށުން ދެމެހެއްޓެނެވި ގޮތެއްގައި ކުނިމެނޭޖްކޮށް، ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ ކެމްޕެއިނެއް މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް އެކުންފުނިން މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެން މިހާރު ޕްލޭންކޮށްފައިވާނެ މިމަހުގެ 26 ވަނަ ދުވަހު ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕެއިންނެއް ފެށުމަށް. މިއާއެކީގައި ސްކޫލް މާޙައުލުންފެށިގެން ގޭބިސީތައް ހިމެނޭހެން ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ މުހިއްމުކަމާއި، ކުނި މެނޭޖްކުރުމަށް ކުރެވިދާނެކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެވިގެންދާނެ. ފަރުދީ ފެންވަރުގައިވެސް މިކަމަށް ކުރެވިދާނެ ވަރަށް ކުދިކުދި ކަންކަންވެސް އެބަހުރި. އެގޮތުން އަޅުގަނޑުމެން އަބަދުވެސް ބާރު އަޅަމުން މިއަންނަނީ ކުނިވާ ޒާތުގެ ކުންޏާއި، ކުނި ނުވާޒާތުގެ ކުނި ވަކިކުރުމަށް. އަދި ކުނި ރިސައިކަލްކޮށްގެން ބޭނުންކުރުމަކީ އަޅުގަނޑުމެން ނުހަނު ތަރުޙީބުދޭކަމެއް" ފުއާދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14629011256774.jpg|މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި - ފައިލް ފޮޓޯ: ޕީއެސްއެމް

ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް، ނައްތާލުމުގައި ފަރުދީ ޒިންމާ އިސްކުރުމަށް އާއްމުންނަށް ހިތްވަރުދީ، އެކަމަށް ބާރު އެޅުމުގެ ގޮތުން، ވެމްކޯއިން ދާދިފަހުންވަނީ "އެޕްރިޝިއޭޓް" އެވޯޑް އަދި "ރެސްޕްކެޓް"ގެ ނަމުގައި ބެޖެއްވެސް ލޯންޗްކޮށްފައެވެ. މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް، ރައްކާތެރިގޮތުގައި ކުނިމެނޭޖްކޮށް ނައްތާލުމަށް އާއްމުންނަށް ހިތްވަރުދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ސަރުކާރުން މިހާރުވެސް ގެންދަވަނީ ހިންގަވަމުންނެވެ.