ޚަބަރު

6000އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި


  • މިތަކެތި ފެނުނީ ކަނޑުމަގުން ގެނައި މުދާ ޝިޕްމެންޓެއްގެ ތެރެއިން

  • މިތަކެތި އަތުލައިގަތީ އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން، އިއްޔެ މާލެ ވިޔަފާރި ބަނދަރުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އަދި އެ ޝިޕްމަންޓުގެ ތެރެއިން 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. ކަސްޓަމްސްއިން ވިދާޅުވީ، މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާ ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ 15،601 ވޭޕް ކާޓްރިޖް އަތުލައިގަނެފައެވެ. އެއީ، ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓު ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.