ކުޅިވަރު

އަންހެނުން ވިހަން ކައިރިވުމުން ޓީމާ ވަކިވާންހުރި ޑޮކޫ އިރާން މެޗުގައި ނުކުޅޭނެ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިރާނާ ދެކޮޅަށް ބެލްޖިއަމްގެ ޖެރެމީ ޑޮކޫ އަށް ނުކުޅެވޭނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ.

ސަބަބަކީ އޭނާ ބަލިވެ އުޅޭތީ އެވެ. ނަމަވެސް ތަފްސީލެއް އެއްވެސް މީޑިއާ އަކުން ނުބުނެ އެވެ. މެންޗެސްޓާ ސިޓީ އަށް ކުޅޭ ހަލުވި ވިންގަ ވަނީ ބެލްޖިއަމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިން ވެސް ނޭވާލުމުގެ މައްސަލައަށް ފަރުވާ ހޯދައިފަ އެވެ. އަދި އޭނާ ވަނީ ކޮންމެހެން ޓީމާ ވަކިވާން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ އޭނާގެ އަންހެނުން ވިހަން ކައިރިވެފައިވާތީ އެވެ. ބެލެވޭ ގޮތުގައި އަންހެނުން ވިހާނީ މުބާރާތުގެ ނޮކްއައުޓް ބުރުގެ ތެރޭގަ އެވެ.

"އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެ މީހެއްގެ ދަރިފުޅު ވިހާއިރު އެއުފަލުން މަހުރޫމް ވާކަށް. އެކަމަކު އަހަރެންނަށް ވެސް އެނގޭ ފުޓްބޯޅައިގައި ވަރަށް މުހިންމު ކަންކަން ހިމެނޭނެ ކަން،" ޑޮކޫ ބުންޏެވެ.

ބެލްޖިއަމްގެ ކޯޗު ރުޑި ގާސިއާ ބުނީ އިރާން މެޗުގެ ސްކޮޑުން ޑޮކޫ އުނި ކުރީ ބަލިވެ އުޅޭތީ ކަމަށާއި މުޅިން ފިޓްނޫން ކުޅުންތެރިން ލައްވައި ކުޅުވަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން ބޭނުމެއްނޫން މެޑިކަލީ ފިޓް ނޫން އެއްވެސް ކުޅުންތެރިއަކު ލައްވައި ކުޅުވާކަށް. ސަބަބަކީ އެގެ ފައިދާ ނުފެންނާނެތީވެ. މެޑިކަލް ޓީމުން ޔަގީންކަން ދޭ ކުޅުންތެރިން އެކަނި އަހަރެން ކުޅުވާނީ،" ކޯޗު ބުންޏެވެ.

މި މެޗަކީ ބެލްޖިއަމާއި އިރާނަށް ވެސް މޮޅުވުން މުހިންމު މެޗެކެވެ. މުބާރާތުގައި އިރާން ކުޅުނު ފުރަތަމަ މެޗުގައި އެއްވަރުވީ ނިއުޒީލެންޑާ ވާދަކޮށެވެ. ބެލްޖިއަމް އެއްވަރުވީ މިސުރާ ވާދަކޮށެވެ.