ރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ބޮޑު އިންސައްތައެއް ތަޢުލީމު ހާސިލްކުރަމުންދަނީ ޤައުމީ ޔުނިވަރސިޓީންނެވެ. އެޔުނިވަރސިޓީން ގެންދަވަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ހިންގަވަމުންނެވެ. މިގޮތުން އެޔުނިވަރސިޓީގެ 9 ފެކަލްޓީ އާއި 2 ސެންޓަރަކުން ޖުމްލަ 182 ކޯސް ކުރިއަށްގެންދަވައެވެ.
ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ އެޔުނިވަރސިޓީން ތަފާތު އެކި ދާއިރާތަކުން އެކި ފެންވަރުގެ ކޯސްތަކެއް ތަޢާރަފްކުރެއްވުމަށް އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިއަންނަ އަހަރުގެެތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދަވާކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއިޝަތު ޝާހީން ވިދާޅުވީ އަންނަ އަހަރުގެތެރޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެތެރޭގައި ކުރުމުއްދަތުގެ ކޯސްތަކާއި ދިގުމުއްދަތު ކޯސްތައް ހިމެނޭކަމަށެވެ. މިގޮތުން ސައިންސް ޑިގްރީ ކޯހަކާއި، އިސްލާމިކް އެޑިޔުކޭޝަންގެ މާސްޓަރސް ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިޓަލީވިލާތުގެ މިލާނޯ ބިކޯކާ ޔުނިވަރސިޓީއާއި ގުޅިގެން މެރިން ސައިންސްގެ ދާއިރާއިން މާސްޓަރސް ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށާ، މިކޯހުގައި އިޓަލީ އާއި ރާއްޖޭގެ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލައްވާނެކަމަށް ޝާހީން ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14761815270208.jpg|ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތައް އިޢުލާނުކުރުން - ފޮޓޯ: އެމްއެންޔޫ
ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އައު އެއްވެސް ކޯހެއް ނުހިމެނޭނެކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ.
މީގެ އިތުރަށް ޤައުމީ ޔުނިވަރސިޓީން ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް 5480 ޖާގައަށް ވަނީ ހުޅުވާލާފައެވެ. މިއީ 96 ކޯހަކަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. މިކޯސްތަކަށް މިމަހުގެ 23 އިން ފެށިގެން ޑިސެމްބަރުގެ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެތެރޭގައި ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަށް ހިމެނޭކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. ޤައުމީ ޔުނިވަރސިޓީން ހިންގަމުންދާ ދިގުމުއްދަތުގެ ކޯސްތަކުގައި ހަހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، ކުރު ކޯސްތަކުގައި ތިންހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާކަމަށް ޔުނިވަރސިޓިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.