ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅޭ މެޗަކީ ސްޕީޑް ޓެސްޓެއް ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.
މޮޅުވެގެން ދެ ޓީމަށް ވެސް ދެ ވަނަ ބުރު ކަށަވަރު ކުރެވެން އޮތް މެޗުގެ ކުރިން ނާގެލްސްމަން ބުނީ އައިވަރީ ކޯސްޓަކީ ވަރަށް ހަލުވި ޓީމެއް ކަމަށެވެ.
"އެ މީހުންގެ ފަހަތް ވަރަށް ވަރުގަދަ. އަދި އެ މީހުންގެ އެންމެ ކުރިއަށް ބަލާއިރު ކުރީގެ ތިން ޕޮޒިޝަނުގައި އެ ތިބީ ވަރަށް ހަލުވި ކުޅުންތެރިން. މި މެޗު ވާނީ ވަރަށް ވަރުގަދަ ސްޕީޑް ޓެސްޓަކަށް. އަދި އެ މީހުންގެ މެދުތެރެ ވެސް އޮތީ ވަރަށް ވަރުގަދަކޮށް. އަހަރުމެން މިދަނީ މެދުތެރެ އަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން. އަހަރުމެންނަށް އަބަދު މި މެޗުގެ ކޮންޓްރޯލް ނުލިބިދާނެ. ސަބަބަކީ އެ މީހުންނަކީ މޮޅަށް ކުޅޭ ވަރުގަދަ ޓީމަކަށް ވާތީވެ. އަހަރުމެން އެންމެ ފަހުން އެ މީހުންނާ ދެކޮޅަށް ކުޅުނު މެޗުގައި (ފޯވަޑް ނިކޮލަސް) ޕެޕޭ ހިފަހައްޓާ ނުލެވުނު ހަލުވި ކަމުން،" ކޯޗު ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކިއުރަސާއޯ ކޮޅަށް ހަތް ލަނޑު ޖަރުމަނުން ޖެހި އެވެ. ނަމަވެސް ނާގެލްސްމަން ބުނީ މިއީ ތަފާތު މެޗެއް ކަމަށެވެ. އަދި އޭނާ ވަނީ އެ މެޗުގައި ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނު ފޯވަޑް ލެރޯއީ ސާނޭ އަށް މީޑިޔާތަކުން ފާޑުކިއުމުން އޭނާގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކައިފަ އެވެ.
"އަހަރެން އެކަމާ ވަރަށް ކަންބޮޑުވި. ސަބަބަކީ އަހަރެން ނޭދެން އެއްވެސް ނޫސްވެރިއަކު އެ ގޮތަށް ކުޅުންތެރިއަކާ ބެހޭ ގޮތުން ފާޑުކިޔަން. އަހަރެން ނުދެކެން މިފަދަ ރިޕޯޓްތަކުގެ ސަބަބުން އޭނާގެ އިތުބާރަށް ބަދަލު އަތުވެދާނެ ކަމަށް. އޭނާ ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައި. އަދި މި މެޗުގައި ވެސް އޭނާ އެހާ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އަހަރެން މި ބަލަނީ،" ކޯޗު ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޖަރުމަނާއި އައިވަރީ ކޯސްޓަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.