ސްވިޑްންގެ ދެ ފޯވަޑުން ކަމަށްވާ އެލެގްޒެންޑާ އިސާކް އާއި ވިކްޓަރ ޔޯކެޝް އަކީ މޮޅު އަދި އެންމެ ވަރުގަދަ އެއް ސްޓްރައިކިޕް ޕާޓްނަޝިޕް ނަމަވެސް އެ ދެ ކުޅުންތެރިންނަށް ބޯޅަ ހޯދައިދެވިގެން މެނުވީ މޮޅު ނުވެވޭނެ ކަމަށް ސްވިޑްންގެ ކޯޗު ގެރެހަމް ޕޮޓާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ނެދަލޭންޑްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިންނެވެ. ޔޯކެރެޝް އާއި އިސާކް ވެސް ވަނީ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ޓިއުނީޝިޔާ އަތުން 5-1އިން މޮޅުވި މެޗުގައި ގޯލު ޖަހައިފަ އެވެ.
"އެ ދެ މީހުންނަކީ އެންމެ މޮޅު ސްޓްރައިކިން ޕާޓްނަޝިޕް ކަމެއް ނޭނގެ. އެހެން ޓީމުތަކުގެ ފޯވަޑުން ކުޅޭތަން ނުދެކެން. އެކަމަކު އެ ދެ މީހުންނަކީ އެންމެ މޮޅު އެއް ސްޓްރައިކިން ޕާޓްނަޝިޕް. އެކަމަކު ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭ. އެ ދެ މީހުންނަށް ބޯޅަ ހޯދައިދެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން،" ޕޮޓާ ބުންޏެވެ.
ލިވަޕޫލްގެ ފޯވަޑް ނިމިދިޔަ ސީޒަނުގެ ބޮޑުބައި އަނިޔާގައި ހުރި ނަމަވެސް ވޯލްޑް ކަޕުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކަން ފަށައިފަ އެވެ. އަދި އާސެނަލް އަށް ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ފޯވަޑް ޔޯކެރެޝް ސީޒަން ނިންމާލީ ވަރަށް ފުރިހަމަ އަށެވެ.
"ޔޯރެކެޝް ބޯޅަ ނެތީސް ކުރާ މަސައްކަތް ވަރަށް ފުރިހަމަ. އަދި އިސާކް ވެސް ދަނީ އޭނާ އަށް މުޅި ސީޒަނުގައި ބޮޑު ބައެއް ގެއްލުނު ނަމަވެސް ވަރަށް ރަނގަޅަށް ކުޅެމުން،" ޕޮޓާ ބުންޏެވެ.
އޭނާ ބުނީ ނެދަލޭންޑްސް އަކީ މޮޅު ޓީމެއް ކަމަށެވެ. މިހެންވެ ދެ ބުރު ޔަގީން ކުރަން އެ މީހުން ބަލި ކުރެވޭނީ ވަރަށް ފަރުވާތެރި ވެގެން ކަމަށެވެ.
"އެ މީހުންގެ މިޑްފީލްޑް ލައިން ވަރަށް މޮޅު. އަދި ފަހަތް ވެސް އޮގަނައިޒް. ދެން ދެ އަރިމަތިން ވަރަށް ހަލުވިކޮށް ކުޅޭ ކުޅުންތެރިން އެބަތިބި. އެހެންވީމާ ޖުމުލަކޮށް އެއީ ވަރަށް ވަރުގަދަ ޓީމެއް. މޮޅު ކުޅުންތެރިން ވަރަށް ގިނަ. ހާއްސަކޮށް އެ މީހުންގެ މެދުތެރެ ވަރުގަދަ. މިއީ އަހަރުމެން ސަމާލުވާންވީ ކަންކަން،" ކޯޗު ބުންޏެވެ.
ނެދަލޭންޑްސް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޖަޕާނާ އެއްވަރުވެފަ އެވެ.