ޚަބަރު

މަޝްވަރާ ބައްދަލުވުން ނުބާއްވަން ނިންމުމާއެކު މާލީ ބާޒާރަށް ލޮޅުން


ސްވިޓްޒަލެންޑްގެ ޖެނީވާގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ސުލްޙައިގެ މަޝްވަރާ ބައްދަލުވުން ނުބޭއްވުމަށް ނިންމުމުގެ ނޭދެވޭ އަސަރު ދުނިޔޭގެ މާލީ ބާޒާރަށް ކޮށްފިއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާ ރަސްމީ ބައްދަލުވުން ނުބޭއްވުމަށް ނިންމީ ވަރަށް ކުއްލި ގޮތަކަށެވެ.

އެ ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖަޕާނުގެ ޔެން އަށެވެ. މިގޮތުން، ދުނިޔޭގެ މާލީ ބާޒާރުގައި ޖަޕަނީޒް ޔެން ވަނީ ފާއިތުވި 40 އަހަރު ނުދާހާ ދަށަށް ގޮސްފައެވެ.

މިއަދު ބާއްވަން ތާވަލުކުރި ބައްދަލުވުން ނުބޭއްވުމުގެ ޚަބަރު ފެތުރުމާއެކު، ދުނިޔޭގެ ޙިއްޞާގެ ބާޒާރުގައި އެމްއެސްސީއައި އޯލް ވޯލްޑް އިންޑެކްސް ވަނީ 0.15 އިންސައްތަ ދަށަށް ގޮސްފައެވެ.

ޔޫރަޕުގައި ޙިއްޞާގެ ބާޒާރު 0.12 އިންސައްތައިން ދަށަށް ގޮސްފައިވާއިރު، އެމެރިކާގެ ސްޓޮކް ފިއުޗަރސް ވަނީ 0.2 އިންސައްތައިން ދަށަށް ގޮސްފައެވެ.

ނަމަވެސް، އީރާނާއި އެމެރިކާގެ އިބްތިދާޢީ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލައި، ތެލާއި މުދާ އުފުލާ އުޅަނދުފަހަރު އަލުން ދަތުރުތައް ފެށުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 80 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.

ނަމަވެސް، ހަނގުރާމައިގެ ކުރިން ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އަދަދަށް އުޅަނދުފަހަރު ހުރަސްކުރުން ރުޖޫޢަވާން ގިނަ މަސްތަކެއް ނަގާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.

ސުލްޙައިގެ މަޝްވަރާ ބައްދަލުވުން ނުބޭއްވުމަށް ނިންމި ނަމަވެސް، އެމެރިކާ ޑޮލަރުގެ އަގަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

މިގޮތުން، ހަނގުރާމަ ފެށުނު ފަހުން ދުނިޔޭގެ މާލީ ބާޒާރުގައި އެމެރިކާ ޑޮލަރު ހޯދާފައިވާ ތާރީޚީ ކުރިއެރުން ވަނީ ދެމެހެއްޓިފައެވެ.