ސިއްހަތު

ފުވައްމުލަކު ހޮސްޕިޓަލްގެ ފެންވަރު މަތިކުރަނީ


ފުވައްމުލަކު ހޮސްޕިޓަލަކީ 2 ވަނަ ދަރަޖައިގެ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ވިޔަސް، ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، އައު ޚިދުމަތްތައް ތައާރަފް ކުރުމަށް ދަނީ ތައްޔާރީވަމުންނެވެ. ޏ.އަތޮޅު ހޮސްޕިޓަލްގައި ތައިރޮއިޑް ޓެސްޓާއެކު، އިތުރު ޚިދުމަތްތަކެއް އަންނަ ހަފްތާގައި ފަށްޓާވާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޏ.އަތޮޅު ހޮސްޕިޓަލްގައި ޞިއްޚީ ޚިދުމަތް ފުޅާކުރެއްވުމަށް ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލްގައި މިދިޔަ ހޯމަ ދުވަހު 3 ވައްތަރެއްގެ ޓެސްޓް ހެދޭ މެޝިނެއް އިންސްޓޯލްކޮށްފައިވެއެވެ. މި މެޝިނުން ހެދޭ ޓެސްޓްތަކުގެ ތެރޭގައި ތައިރޮއިޑް ޓެސްޓާއި، ތެލަސީމިއާ މީހުން ހަދާ ފަރެޓިން ޓެސްޓާއި، މާބަނޑު މީހުން ހަދާ އެސް.އީ.ޖީ ޓެސްޓް ހިމެނެއެވެ. ޏ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު ފަރުޒާދު ވިދާޅުވީ މެޝިން އިންސްޓޯލް ކުރުމަށްފަހު މިހާރު ކުރިއަށްދަނީ މުވައްޒަފުން ޓްރެއިން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ ހަފްތާގައި ރަސްމީކޮށް ޚިދުމަތް ފެށިގެންދާނެ ކަމަށް ފަރުޒާދު ވިދާޅުވިއެވެ. ފުވައްމުލަކުގައި މިވަގުތު ތައިރޮއިޑަށް ފަރުވާ ހޯދަމުންދާ 80 އެއްހާ މީހުން ދިރިއުޅެއެވެ.

މާލެ ނުގޮސް ރަށުން ޓެސްޓްތައް ހެދުމަކީ އެ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ފަސޭހައެއް ކަމަށް ފަރުޒާދު ވިދާޅުވިއެވެ. ޏ.އަތޮޅު ހޮސްޕިޓަލްގައި، ޑެންޓަލްގެ ޚިދުމަތް ތަޢާރަފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ފެބްރުއަރީ މަހުގެ ނިޔަލަށް އެ ޚިދުމަތް ތަޢާރަފް ކުރައްވާނެ ކަމަށް ފަރުޒާދު ވިދާޅުވިއެވެ. އަދި ޑަޔަލަސިސްގެ ޚިދުމަތް ދިނުމަށް ތައްޔަރުވަމުންދާކަމަށްވެސް ފަރުޒާދު ވިދާޅުވިއެވެ.

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިޓީއަކުން ލިބޭފަދަ ޚިދުމަތްތައް ޤާއިމް ކުރެއްވުމުގެ ޏ އަތޮޅު ހޮސްޕިޓަލްގެ ސިޔާސަތަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އަމާޒަށް ވާސިލްވުމެވެ. ފަރުޒާދު ވިދާޅުވީ ހޮސްޕިޓަލްގައި އައު ޚިދުމަތްތައް ތަޢާރަފު ކުރައްވަމުންދާއިރު ހުސްބިމުގައި 3 ބުރީގެ އައު ޢިމާރާތެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެ ޢިމާރާތުގެ ޑިޒައިންގެ މަސައްކަތް ނިމި، މަސައްކަތް ކުރުމަށް ބަޔަކާ ވަރަށް އަވަހަށް ޙަވާލު ކުރައްވާނެކަމަށް ޏ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވިއެވެ.