ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ 17 އަހަރުންދަށުގެ އުމުރުފުރާގެ ފުރަތަމަ މެޗުތައް އިސްކަންދަރު ސްކޫލް، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ކަލާފާން ސްކޫލްއިން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އިއްޔެ ފުރަތަމަ މެޗު އިސްކަންދަރު ސްކޫލްއިން ކާމިޔާބުކޮށްފައިވަނީ 28-20 އިން އަމީނިއްޔާ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޑަބްލިއުއޭ އާމިނަތު މަލްކާ ޒަމީރްއެވެ.
ދެވަނަ މެޗު ހުރަވީ ސްކޫލުން ކާމިޔާބުކުރީ ބޮޑު ފަރަގަކުން ދަރުމަވަންތަ ސްކޫލް ބަލިކޮށްގެންނެވެ. ފަސޭހަކަމާއެކު ހުރަވީއިން މިމެޗު ނެގީ 73-01 ގެ ތަފާތަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީއޭ ކަޔާނީ ބިންތި ޝައްފާޒްއެވެ.
ތިންވަނަ މެޗުވެސް ފާހަގަކުރެވުނީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. މިމެޗު ރެހެންދި ސްކޫލުން ކާމިޔާބުކުރީ 47-03 ގެ ތަފާތަކުން މުހްޔިއްދީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖީއޭ ބަލްޣީސް މުހަންމަދު ރަމީޒްއެވެ.
ހަތަރުވަނަ މެޗު ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ކާމިޔާބުކޮށްފަވަނީ 38-24 އިން ތާޖުއްދީން ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ލީރާ އަހްމަދު ފިރާޝްއެވެ.
އިއްޔެގެ ފަހު މެޗު ކަލާފާނު ސްކޫލްއިން ކާމިޔާބުކޮށްފަވާއިރު، މިމެޗު ކޭއެސްއިން ކާމިޔާބުކުރީ 48-09 ގެ ބޮޑު ފަރަގަކުން ޖަމާލުއްދީން ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޑަބްލިއުއޭ އާއިޝަތު އާޝާ ޒިޔާދްއެވެ.
ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގައި މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރެއެވެ. 17 އަހަރުންދަށުގެ އުމުރުފުރާތަކަށް ޚާއްސަ މިމުބާރާތުގައި ދެ އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެއީ 17 އަހަރުންދަށުގެ އުމުރުފުރާގެ އިތުރުން 15 އަހަރުންދަށުގެ އުމުރުފުރާއެވެ.
މުބާރާތުގައި މިއަދުވެސް 15 އަހަރުންދަށުގެ ހަތަރު މެޗާއި، 17 އަހަރުންދަށުގެ ފަސް މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 17 އިން 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.