ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: މެކްސިކޯ – ސައުތު ކޮރެއާ


  • ސްޓޭޑިއަމް: ގުއަޑަލަހާރާ ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 06:00

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އޭ ގައި މިރޭ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ މެކްސިކޯ އާއި ދެކޮޅަށް ދެކުނު ކޮރެއާ ނިކުންނައިރު މި ދެ ޓީމުވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯ އިން 2-0 ގެ ނަތީޖާ އަކުން ސައުތު އެފްރިކާ ބަލިކޮށްފައިވާއިރު, ސައުތު ކޮރެއާ ވަނީ ޗެކިޔާ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.

މެކްސިކޯގެ ގުއަޑަލަގާރާ ސްޓޭޑިއަމްގައި މި ދެ ޓީމު މިއަދު ބައްދަލުކުރާއިރު މީގެ ކުރިން މި ދެ ޓީމު ވަނީ ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން 2 މެޗުން ސައުތު ކޮރެއާ މޮޅުވެފައިވާއިރު ދެ މެޗުން މެކްސިކޯ މޮޅުވެ އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު މި ދެ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މެކްސިކޯ މޮޅުވެފައިވާއިރު, 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުވެސް 3-1 ގެ ނަތީޖައަކުން ކާމިޔާބުކޮށްފައިވަނީ މެކްސިކޯ އެވެ. ކޮރެއާ މޮޅުވެފައިވަނީ 1948 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ގަދަ 16 ގައި ކުޅުނު މެޗުގެ އިތުރުން 2001 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗުންނެވެ.

މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގައެއް ލިބިގެންދާއިރު މިއީ މެކްސިކޯ އިން ގުއަޑަލަހާރާގައި ވޯލްޑްކަޕް މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

މުބާރާތް ބާއްވާ ގައުމާއި ދެކޮޅަށް ސައުތު އެފްރިކާ ނިކުންނައިރު އެ ޓީމުގެ ފަރިތަކުރުންތައް ބެލުމަށް މެކްސިކޯއިން ޑްރޯން ފޮނުވާފައިވާކަމަށް ބުނެ ސައުތު ކޮރެއާ އިން ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފީފާ ވޯލްޑްކަޕްގެ މެޗުތައް ކުޅޭ ދަނޑު ތަކުގެ އިތުރުން ޕްރެކްޓިސް ކުރާ ދަނޑުތަކުގެ މަތިން ޑްރޯން ދުއްވުމަކީ މަނާ ކަމެކެވެ.

މެކްސިކޯގެ ކޯޗު ހާވިއާ އަގުއިރޭ މެޗުގެ ކުރިން ބުނެފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާ އާއި ދެކޮޅަށް ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފިފައިނުވާތީވެ މި މެޗަށް ނިކުންނައިރު އެކަމަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.