ޚަބަރު

އެމްޕީއެލް ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން އަނބުރާ މަސައްކަތަށް


އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ދިޔުމާ ގުޅިގެން، އެމްޕީއެލްގެ ސީއީއޯ އެ މުވައްޒަފުންނާ ބައްދަލުކޮށް ވާހަކަދެއްކުމުން އެންމެ މުވައްޒަފެއް ފިޔަވާ ހުރިހާ މުއައްޒަފުން މަސައްކަތަށް ނިކުމެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަސައްކަތް ހުއްޓާލި މުވައްޒަފުން އަލުން އަނބުރާ ވަޒީފާއަށް ނުކުމެފައި މިވަނީ އެ މުވައްޒަފުން މަސައްކަތް ހުއްޓާލުމުން މާލެއިން މުވައްޒަފުން ގެންގޮސް ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތްތައް މިއަދު ފަށާފައިވަނިކޮށެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން މަސައްކަތް ހުޓާލުމަށްފަހު ދިޔައީ މުސާރަ ބޮޑުކޮށްދިނުމަށް ޑިމާންޑް ކުރުމަށްފަހު ކަމަށެވެ. އެމްޕީއެލްގެ ކުޅުދުއްފުށީ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުން މުސާރަ ބޮޑުކޮށްދިނުމަށް އެދި ޕެޓިޝަން ހުށަހެޅުމުން އެކަން ދިރާސާކޮށް، މަޝްވަރާކުރުމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތަށް މާލެ އައުމަށް ދައުވަތު ދެއްވިކަމަށް ޖުނައިދު ވިދާޅުވިއެވެ. ނަމަވެސް އެ ފަރާތުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޕޯޓްގައި 47 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. ޖުނައިދު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތެއް އެގޮތަށް ކުއްލިއަކަށް ހުއްޓާލުމަށްފަހު ގެއަށް ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.