ދުނިޔެ

ޗައިނާގެ ރައީސް ކެމްބޯޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


ޗައިނާގެ ރައީސް ޝީޖިންޕިން ކެމްބޯޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ހުންސެން އާ ނޮންޕެންގައި ބައްދަލުކުރައްވައިފިއެވެ. 

މިއީ ޗައިނާގެ ރައީސް ކަމުގެ މަޤާމަށް ޝީޖިންޕިން އިސްވެވަޑައިގަތުމަށްފަހު ކެމްބޯޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޝީޖިންޕިން އާއި ހުންސެންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ދެ ޤައުމުގެ ސިޔާސީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށެވެ. ނަމަވެސް ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ މައްސަލަތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޚަބަރުތައް ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުންތައް ސްޓްރެޓީޖިކް ފެންވަރަށް މައްޗަށް ގެންދިޔުމަށް އެއްބަސްވެ ވަޑައިގެންފައެވެ. 

މި ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ވަނީ ކެމްބޯޑިޔާގެ ތަރައްޤީގައި ޗައިނާގެ ބައިވެރިވުން އިތުރުކޮށް ޗައިނާގެ އިތުރު އިންވެސްޓްމަންޓްތައް ކެމްބޯޑިޔާއަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.